މީގެ ކުރިން ވިއްކާފައިވާ ޑޮމެއިން ނަންބަރުތަކަށް ދޫކޮށްފައިވާ ލިޔެކިޔުންތައް ގަވާއިދަށް ފެއްތުމުގެ ގޮތުން 60 ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީން ވިދާޅުވީ ހަރުދަނާ ނިޒާމެއްގެ ތެރެއިން ޑޮމެއިން ވިއްކަން އަންނަ އަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ދޫކޮށްފައިވާ ޑޮމެއިންތައް އިވެލުއޭޓްކޮށް ގަވައިދުގެ ތެރެއަށް ފައްތައި އާ ޑޮމެއިން ލިޔުންތައް ދޫކުރާނެ ކަމަށެވެ. އެ ލިޔުންތަކުގައި ސެކިއުރިޓީ ފީޗާސް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ސެކިއުރިޓީ ފީޗާސްއާ އެކު ޑޮމެއިން ރަޖިސްޓްރީ އާއި ޑޮމެއިން ބޭނުން ކުރުމުގެ ހުއްދައަށް ބަދަލުކުރުމަށް ހުޅުވާލަން ޖެހޭ. މިހާރު އޮތް އޮޅުންބޮޅުން ފިލުވޭނީ މިހާރު ހުރި ޑޮމެއިން ސެޓްފިކެޓުތަކުގެ ބަދަލުގައި މި ދެންނެވި ސެކިއުރިޓީ ފީޗާސް ޑޮކިއުމެންޓް އަރުވައިގެން. ޑޮމެއިންގެ ވެރިފަރާތުން ޑޮމެއިންއާ ގުޅުން ހުރި ލިޔުންތައް ނޮވެމްބަރު 17 އިން ފެށިގެން 60 ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ހުޅުވާލާނަން," އަމީން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޑޮމެއިން ވިއްކަން ފަށާނީ އޯޕެން ބިޑިން ސިސްޓަމެއްގެ ތެރެއިން ކަމަށާއި ދެފުށް ފެންނަ ގޮތަށް ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އަލަށް ވިއްކުމަށް ފުރަތަމަ ހުޅުވާލާނީ ތިން ނަންބަރާއި ހަތަރު ނަންބަރުގެ ޑޮމެއިން ކަމަށެވެ. އެއަށް ފަހު ދެ ނަންބަރާއި އެއް ނަންބަރުގެ ޑޮމެއިންނާއި ބޭނުންވާ ނަންބަރެއް ނުވަތަ އަކުރެއް ހިމަނައިގެން ޑޮމެއިން ވިއްކަން ހުޅުވާލާނެ ކަމަށެވެ.
ރާއްޖޭގައި މި ވަގުތު ގާތްގަނޑަކަށް 1،200 ޑޮމެއިން ގެންގުޅޭ އިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ސައްހަ ނޫން ޑޮމެއިން ކަމަށް މީގެ ކުރިން ޓްރާންސްޕޯޓުން ހާމަކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު