ލިވަޕޫލަކީ މިވަގުތު ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށާއި އެޓީމާ ދެކޮޅަށް ނުކުންނަން ޖެހުމަކީ ބޮޑު ޗެލެންޖެއް ކަމަށް ބަޔާން ލެވަކޫސަންގެ ކޯޗު ޒަބީ އެލޯންސޯ ބުނެފިއެވެ.

ލެވަކޫސަންއިން ރަށުން ބޭރުގައި މިރޭ ލިވަޕޫލާ ދެކޮޅަށް ނުކުންނަ އިރު، ލިވަޕޫލް އޮތީ ރަނގަޅު ފޯމެއްގައެވެ. ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިގެން ތާވަލުގެ ދެވަނައިގައި އެޓީމު އޮތް އިރު، ލިވަޕޫލް އޮތީ ޕްރިމިއާ ލީގުގެ ވެސް އެއްވަނައިގައެވެ. ތާވަލުގެ ދެވަނަ މަގާމުގައި ލިވަޕޫލް އޮތް އިރު، ލެވަކޫސަން އޮތީ ހަވަނައިގައެވެ. އެއީ ތިން މެޗުން ހަތް ޕޮއިންޓާއެކުގައެވެ.

ލެވަކޫސަންއާ އެކު ކާމިޔާބު، ތާރީހީ ސީޒަނެއް ނިންމާލި އެލޯންސޯ، މިރޭ މެޗުގެ ކުރިން ބުނީ ލިވަޕޫލަކީ މިވަގުތު އެންމެ ވަރުގަދަ ޓީމު ކަމަށާއި އެޓީމާ ދެކޮޅަށް މެންޓަލީ ވެސް ތައްޔާރުވާން ޖެހޭނެ ކަމަށެވެ.

"އަހަރެމެންނަށް ލިވަޕޫލަކީ ވަރަށް ބޮޑު ޗެލެންޖެއް. ލިވަޕޫލަކީ މިވަގުތު ޔޫރަޕްގައި އޮތް އެންމެ ވަރުގަދަ އެއް ޓީމު. އެކަން އެޓީމުން ސާބިތުކޮށްދެމުން އެދަނީ ލީގާއި ޗެމްޕިއަންސް ލީގުގައިވެސް. ވަރުގަދަ ސްކޮޑަކާއި މޮޅު ކޯޗެއް އެޓީމުގައި އެބަހުރި. ލިވަޕޫލާ ދެކޮޅަށް ނުކުންނަ އިރު، 70 މިނެޓުގައި ރަނގަޅަށް ކުޅެފައި 20 މިނެޓް ކޮންސަންޓްރޭޝަން ގެއްލުވާލިޔަސް މެޗު ގެއްލޭނެ. މެންޓަލީ ވަރަށް ތައްޔާރުވާން ޖެހޭ،" އެލޯންސޯ ބުންޏެވެ.

ލެވަކޫސަންގެ ކޯޗު އެލޯންސޯއަކީ ކުޅުންތެރިއެއްގެ ގޮތުގައި ލިވަޕޫލްގައި ފާހަގަކޮށްލެވުނު ކުޅުންތެރިއެކެވެ. އޭނާ ވަނީ 2004 ވަނަ އަހަރުން 2009 ވަނަ އަހަރާ ހަމައަށް ލިވަޕޫލް ޖާޒީގައި 210 މެޗު ކުޅެފައެވެ. އެ ދުވަސްތަކުގެ ތެރޭގައި 2005 ވަނަ އަހަރު ޗެމްޕިއަންސް ލީގުވެސް އެ ކްލަބާއެކު އެލޯންސޯ ވަނީ ހޯދައިފައެވެ.