2011 ވަނަ އަހަރު ޑެނިއަލް ވެބަރއާ ކައިވެނިކޮށްފައިވާ ސަނީ ލިއޯނީ، އޭނާގެ ފިރިމީހާއާއެކު އަލުން ކައިވެނީގެ ވައުދުތައް އާ ކޮށްފިއެވެ.

މި ދެމަފިރިން އެމީހުންގެ ވައުދުތައް އާކޮށްފައިވަނީ ދިވެހިރާއްޖޭގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެ ދެމަފިރިންގެ ތިން ދަރިން ކަމުގައިވާ ނީޝާ، ނޫޙް އަދި އާޝަރވެސް ބައިވެރިވިއެވެ.

ރާއްޖޭގައި ބޭއްވި މި ރަސްމިއްޔާތުގެ ވަރަށް ރީތި ފޮޓޯތަކެއް ސަނީ ވަނީ އޭނާގެ އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ. އެއް ފޮޓޯގައި އެ ދެމަފިރިން ހުދު ކުލައިގެ ހެދުން ލައިގެން އެކަކު އަނެކަކަށް ހިނިތުންވެފައި ތިބި މަންޒަރު ފެނެއެވެ. ސަނީ ވަރަށް ރީތިކޮށް ފެންނަނީ ހުދު ކުލައިގެ ގައުނެއް ލައި، މާގަނޑެއް ހިފައިގެންނެވެ. ޑެނިއަލް ލައިފައިވަނީ ހުދު ގަމީހަކާއި ހުދު ފަޓުލޫނެކެވެ. އަނެއް ފޮޓޯގައި ސަނީއާއި ޑެނިއަލް އެމީހުންގެ ތިން ދަރީންނާއެކު ޕޯސް ދީފައިވާ މަންޒަރު ފެނެއެވެ. މި ރަސްމިއްޔާތުގެ ތެރޭގައި ޑެނިއަލް ސަނީއަށް އާ އަނގޮޓިއަކުން ސަޕްރައިޒްކޮށްދިން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ސަނީ ކައިވެނިކޮށްފައިވަނީ އެމެރިކާގެ އެކްޓަރެއް، ޕްރޮޑިއުސަރެއް އަދި ވިޔަފާރިވެރިއެއް ކަމަށްވާ ޑެނިއަލްއާ އެވެ. 2017 ވަނަ އަހަރުގެ ޖުލައި މަހު، މި ދެމަފިރިން އެމީހުންގެ ފުރަތަމަ ދަރިފުޅު އެޑަޕްޓް ކޮށްފައިވަނީ މަހާރާޝްޓްރާގެ ރަށެއް ކަމަށްވާ ލަޓޫރުންނެވެ. އެމީހުން ނީޝާ ކައުރު ވެބަރ ކަމަށް ނަން ދީފައިވާ މި އަންހެން ކުއްޖާ އެޑަޕްޓްކުރިއިރު އެކުއްޖާގެ އުމުރަކީ 21 މަހެވެ. އޭގެފަހުން 2018 ގައި އެމީހުނަށް ވަނީ ދެ ފިރިހެން ކުދިން ލިބިފައެެވެ.