ރާއްޖެ އާއި ތުރުކީއާ ދެމެދު ވިޔަފާރީގެ ގުޅުން ފުޅާކުރުމަށްޓަކައި އެކުލަވައިލި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ތުރުކީގެ ފަރާތުން ސޮއިކުރެއްވީ، އެ ގައުމުގެ ޓްރޭޑް މިނިސްޓަރު ޕްރޮފެސާ ޑރ. އޮމާރު ބޮލަޓެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެ އެއްބަސްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ރަޖަބު ތައްޔިބު އުރުދުގާނާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައި ހިމެނޭ ކަމެއް ކަމަށެވެ.
އެގޮތުން އެ އެއްބަސްވުމުގެ ދަށުން ތުރުކީއަށް އެކްސްޕޯޓު ކުރާ މަހުގެ ބާވަތްތަކަށް ލުއި ލިބުމާއެކު ދިވެހި މަސް އެކްސްޕޯޓު ކުރާ ފަރާތްތަކަށް ތުރުކީ މާކެޓްގައި ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
މީގެއިތުރުން، މި އެއްބަސްވުމާއެކު ދެ ގައުމުގެ ދެމެދު ކުރެވޭ ވިޔަފާރީގެ ހުރަސްތައް ކުޑަކުރެވި، ވިޔަފާރީގެ ގުޅުން ވަރުގަދަވެ، ދިވެހި ވިޔަފާރިތަކަށް ތުރުކީގެ އުފެއްދުންތައް އަގުހެޔޮކޮށް ލިބުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
"ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އިގުތިސާދީ ގޮތުން ގާތް ގުޅުމެއް މިހާރު ދަނީ ގާއިމު ކުރެވެމުންނެވެ. މި އެއްބަސްވުމުގެ ސަބަބުން، މިގުޅުން އިތުރަށް ހަރުދަނާކުރެވި، ކުރިއަށް އޮތްތަނުގައި ވިޔަފާރި އަދި އިގްތިސާދީ ދާއިރާއިން މަސައްކަތްތައް އިތުރުކުރެވި، އާ ފުރުސަތުތައް ވިޔަފާރިތަކަށް ހުޅުވިގެންދާނެ،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު