ފަލަސްތީނަށް އެހީވުމަށް އދ. އިން އުފައްދާފައިވާ ޖަމިއްޔާއާ އޮތް ގުޅުން އިސްރާއީލުން ކަނޑާލައިފިއެވެ.

އިސްރާއީލުން އިއްޔެ ވަނީ އދ. އިން ފަލަސްތީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ޖަމިއްޔާއަށް އެއްބާރުލުން ދިނުމަށް ވެފައިވާ އެެއްބަސްވުން ބާތިލުކުރުމަށް ހުށަހަޅައިފައެވެ.

ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލެސްޓައިން ރެފިއުޖީސް އިން ދަ ނިއާ އީސްޓް (ޔޫއެންއާރުޑަބްލިޔުއޭ)ގެ ނަމުން ނަން ދީފައިވާ އދ. ގެ އެ ޖަމިއްޔާއިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ދިން ކުއްލި ހަމަލާގައި ހަމާސްއާއެކު މަސައްކަތްކޮށްފައިވާ ކަމަށް އިސްރާއީލުން ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް ޔޫއެންއާރުޑަބްލިޔުއޭ އިން އެ ތުހުމަތުތައް ދޮގުކޮށް، އެ ޖަމިއްޔާއިން ބަލަނީ އެއްވެސް ކޮޅަކަށް ބުރަ ނުވެ މަސައްކަތްކުރުމަށް ކަމަށް ވަނީ ބުނެފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންގެންދާ ގަތުލުއާންމުގައި ގާޒާއަށް އެހީގެ ތަކެތި ފޯރުކޮށްދިނުމަށް ހުންނަ ހުރިހާ މަގުތަކެއް އިސްރާއީލުން ވަނީ ކޮންޓްރޯލުކުރަން ފަށައިފައެވެ. އަދި އދ. ގެ ޖަމިއްޔާތަކުން ދާ އެހީވެސް ހުއްޓުވާ ކަމަށްބުނެ އޮފިޝަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކުގައި މިހާތަނަށް ފަލަސްތީނުން 43،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ.