ސަރުކާރު ކުންފުނިތަކާއި، ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ބަޖެޓް އެއް ހަމައަކުން ދިރާސާ ކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ކަނޑައެޅުމަށްޓަކައި، ބަޖެޓް އެކުލަވައިލާނެ ގޮތުގެ އުސޫލެއް ޕްރައިވަޓައިޒޭޝަން އެމްޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އެކުލަވައިލައިފިއެވެ.
ޕީސީބީން އެކުލަވައިލި އެ އުސޫލަށް ކިޔަނީ "ދައުލަތުގެ ވިޔަފާރި ތަންތަނުގެ އަހަރީ ބަޖެޓު އެކުލަވާލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.
އެ އުސޫލުގެ މަގުސަދަކީ ސަރުކާރު ކުންފުނިތަކާއި ސަރުކާރު ހިއްސާ ކުންފުނިތައް އަދި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމާއި ހާމަކަން އިތުރުކުރުމުގެ އިތުރުން މަސްލަހަތުވެރިންގެ މެދުގައި އެ ތަންތަނާ މެދު އިތުބާރު ހިފެހެއްޓުމެވެ. އަދި ބަޖެޓް އެކުލަވާލުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަމާމެދު އަމަލުކުރާނެ ގޮތެއް ރާވައި، ހަރުދަނާ ގޮތެއްގައި ދައުލަތުގެ ރިސޯސް އިގުތިސޯދު ކުރުމަކީ އެ އުސޫލުގެ މަގުސަދެވެ.
"ދައުލަތުގެ ވިޔަފާރި ތަންތަނުގެ އަހަރީ ބަޖެޓު އެކުލަވާލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތުން ދައުލަތުގެ ވިޔަފާރި ތަންތަނުން، ބަޖެޓް ކުރާ އަހަރު ހިމެނޭހެން ކުރިއަށް އޮތް ތިން އަހަރަށް ކުންފުނީގެ އާމްދަނީ މޮޑެލް/ބިޒްނަސް ޕްލޭން އެކުލަވައިލަންވާނެއެވެ. އެ ބިޒްނަސް ޕްލޭންގައި އާމްދަނީގެ ހޯދާނެ ގޮތާއި، ވިޔަފާރީގެ މާހައުލުގައި ކުންފުނީގެ އެތެރެއާއި ބޭރުގެ އެނަލިސިސް، ޓާގެޓް މާކެޓް އަދި މުދަލާއި ހިދުމަތުގެ އަގުގެ ސްޓްރެޖެޓީތައް، އާމްދަނީ ލިބޭނެ ކަމަށް ބެލެވޭ މިންވަރު ހިމެނިދާނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
އުސޫލުގައިވާ ގޮތުން ދައުލަތުގެ ވިޔަފާރި ތަންތަނުން ބަޖެޓް އެކުލަވައިލާ މުއްދަތުގައި ކުންފުނީގެ ހިންގުމުގެ ހަރަދު، ކެޕިޓަލް ހަރަދު ޕްރޮޖެކްޓްސް އަދި އެހެނިހެން ކަންކަން ފައިނޭންސް ކުރާނެ ގޮތުގެ ޕްލޭން އެކުލަވައިލަންވާނެއެވެ. ފައިނޭންސް ޕްލޭނިންގައި، ފައިނޭންސިން ބޭނުންވާ ކަންކަމުގެ އެސެސްމެންޓް، ފައިނޭންސް ބޭނުންވާ މިންވަރު އަދި މުއްދަތު، ފައިނޭންސް ކުރާނެ ގޮތް (އާމްދަނީ، އިކުއިޓީ ފައިނޭންސިން، ޑެޓް ފައިނޭންސިން، ސަބްސިޑީ ގްރާންޓް، އެހެނިހެން) ފީޒިބިލިޓީ އެސެސްމެންޓް، މާކެޓް އިންޓްރެސްޓް ރޭޓާއި ރިޓާންއާ ގުޅޭ އެސެސްމެންޓް، އަނބުރާ ދައްކަންޖެހޭ ފައިސާ ދައްކާނެ ގޮތުގެ ޕްލޭން އަދި ކޭޝްފްލޯއަށް އައިސްދާނެ ބުރައާއި ނުރައްކަލާއި އެކަންކަމަށް އަމަލުކުރާނެ ގޮތް ހިމަނަންވާނެ ކަމަށް އުސޫލުގައިވެއެވެ.
އަދި ފައިނޭންސް ޕްލޭން އެކުލަވައިލާއިރު ސޮލްވެންސީ އަދި ލިކުއިޑިޓީއަށް ކުރާނެ އަސަރާއި އެއާ މެދު އަމަލުކުރާނެ ގޮތުގެ ތަފްސީލުގެ އިތުރުން ކުންފުންޏާއި އިންވެސްޓަރުންނާއ ޝެއާހޯލްޑަރުންގެ މެދުގައި އޮންނަ އިތުބާރަށް ކޮށްފާނެ އަސަރާ މެދު ރިޕޯޓް ތައްޔާރުކުރަންޖެހޭނެ ކަމަށް އުސޫލުގައިވެއެވެ.
ދައުލަތުގެ ވިޔަފާރި ތަންތަނުން ހިންގުމުގެ ހަރަދު ޕްލޭން ކުރާއިރު، ކުންފުނީގެ ހިންގުމުގެ ހަރަދުތައް ދެނެގަނެ، ކޮންމެ ޑިޕާޓްމެންޓަކަށް ހިންގުމުގެ ބަޖެޓް ލިމިޓެއް ދޭންވާނެ ކަމަށް އުސޫލުގައިވެއެވެ. އުސޫލުގައިވާ ގޮތުން ފާއިތުވެދިޔަ އަހަރުތަކުގެ ހިންގުމުގެ ހަރަދާއި، ބަޖެޓް އަޅާކިޔައި އޭގެ ތަފާތުތައް ހޯދަން އެކަންއެކަން އިސްލާހު ކުރަންވާނެއެވެ. އަދި ކުންފުނީގެ ހިންގުމުގެ ހަރަދު ކުޑަކުރެވޭނެ އެންމެހާ ކަންކަން ދިރާސާކޮށް އިސްރާފު ކުޑަކުރަންވާނެ ކަމަށެވެ.
އިތުރަށް އުސޫލުގައި ބަޔާންކޮށްފައިވަނީ ސަރުކާރު ކުންފުނިތަކުންނާއި ހިއްސާވާ ކުންފުނިތަކުގެ އިތުރުން ދައުލަތުގެ ވިޔަފާރި ތަންތަނުން ކޮންމެ އަހަރަކު ވެސް އިންސާނީ ވަސީލަތްތަކަށް ބޭނުންވާނެ ވަރުގެ އެނަލިސިސް ޕްލޭންއެއް އެކުލަވައިލަންވާނެ ކަމަށެވެ. އެ ޕްލޭންގައި ކުންފުނި ހިންގުމަށް ބޭނުންވާނެ މުވައްޒަފުންގެ އަދަދު ކަނޑައަޅައި މުވައްޒަފުން ހޯދާނެ ގޮތް އޮންނަންވާނެ ކަމަށް އުސޫލުގައިވެއެވެ. މުވައްޒަފުންގެ ހަރަދު ޕްލޭން ކޮށްފައި ހުންނަންވާނީ އާމްދަނީގެ 30 ޕަސަންޓަށްވުރެ އިތުރު ނުވާނެ ގޮތަކަށް ކަމަށާއި އެއްވެސް އާމްދަނީއެއް ނުލިބޭ ކުންފުނިތަކުގައި މުވައްޒަފުންގެ ހަރަދު ޕްލޭންކޮށްފައި ހުންނަންވާނީ ކުންފުނީގެ ހިންގުމުގެ ހަރަދުގެ 50 ޕަސަންޓަށްވުރެ އިތުރުނުވާ ގޮތަށް ކަމަށް އުސޫލުގައިވެއެވެ.
ކުންފުނިތަކުން ތައްޔާރުކުރާ ބަޖެޓް ބިނާކޮށްފައިވަނީ އުސޫލުގައިވާ ކަންކަމުގެ މައްޗަށް ކަމަށާއި ފިނޭންސް މިނިސްޓްރީގެ ލަފަޔާއެކު ބަޖެޓް ތައްޔާރު ކުރުމަށްފަހު ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ސުންގަޑިއެއްގެ ކުރިން ކުންފުނީގެ ބޯޑުން ބަޖެޓް ފާސްކުރަންވާނެ ކަމަށެވެ.
އެގޮތަށް ކުންފުނީގެ ބޯޑުން ފާސްކުރާ ބަޖެޓް އާންމުކޮށް ޝާއިއު ކުރެވިދާނެ ކަމަށް އުސޫލުގައިވެއެވެ.
އުސޫލުގައިވާ ގޮތުން ކޮންމެހެން މަޖުބޫރުވާ ހާލަތެއްގައި ނޫނީ ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ބަޖެޓަށް ބަދަލު ގެނެސްގެންނުވާނެއެވެ.
އެ ކަންކަމުގެ ތެރެއިން ކަމަކާ ގުޅިގެން ބަޖެޓަށް ބަދަލު ގެނައި ނަމަވެސް އަޕްޑޭޓެޑް ބަޖެޓް ފިނޭންސް މިނިސްޓްރީއަށް ފޮނުވަންޖެހޭނެ ކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.
"ދައުލަތުގެ ވިޔަފާރި ތަންތަނުގެ އަހަރީ ބަޖެޓު އެކުލަވާލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އަމަލުކުރަން ފަށާނީ އެ އުސޫލު ޕީސީބީގެ ވެބްސައިޓުގައި އާންމުކުރާ ދުވަހުން ފެށިގެންނެވެ.
ޕީސީބީން މިއަދު ވަނީ އެ އުސޫލު ވެބްސައިޓުގައި އާންމުކޮށްފައެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި