މިދިޔަ މަހު ކުރިއަށްގެންދިޔަ "ދިރާގު މޯލްޑިވްސް ރޯޑްރޭސް" ގައި މެޑިކަލް ޕާޓްނަރެއްގެ ގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެއްޖެއެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުން ފެށި މި ދުވުމުގައި 4،000 އަށް ވުރެ ގިނަ ދުވުންތެރިން ވަނީ ބައިވެރިވެފައެވެ. މި ދުވުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުންނާއި ރާއްޖެއިން ބޭރުންވެސް އެތްލީޓުންނާއި ކުޅިވަރާއި ކަސްރަތަށް ލޯބިކުރާ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.

މި އަހަރުގެ ރޯޑްރޭސްގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ދުވުންތެރީންނަށް އަމާޒުކޮށްގެން ގިނަ ހިދުމަތްތަކެއް ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި ދުވުންތެރިންނަށް ހާއްސަކޮށްގެން ކޮންމެ ދުވަހަކު ހެލްތު ޓިޕްސް ފޯރުކޮށްދިނުމާއި ބިބް އެކްސްޕޯގައި ބޭސިކް ހެލްތު ޗެކަޕް ހިންގުން ހިމެނެއެވެ.

މީގެ އިތުރުން، "ރަނިން ކްލިނިކް" ގެ ނަމުގައި ހުޅުމާލޭ ދުވާ ޓްރެކް ސަރަހައްދުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފެމިލީ މެޑިސިން ޑރ. އިބްރާހިމް އިޔާޒް ދުވުންތެރިންނަށް މުހިންމު މައުލޫމާތު ފޯރުކޮށްދެއްވާފައިވެއެވެ. ދުވުން އޮތް ދުވަހު، ދުވުން ކުރިޔަށް ދިޔަ ވަގުތުތަކުގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ހާއްސަ މެޑިކަލް ޓެންޓެއް ބަހައްޓާފައިވެސް ވެއެވެ.

"މުޖުތަމައުގައި ދުޅަހެޔޮ ދިރިއުޅުމެއް އާލާކުރުމަށާއި ވަކިން ހާއްސަކޮށް ކުޑަކުދީންނަށް ކުރާ އަނިޔާއާއި ދެކޮޅަށް އަޑުއުފުލުމަށް ދިރާގުން މިފަދަ ހަރަކާތެއް ކޮންމެ އަހަރަކު ކުރިޔަށްގެންދާކަމަކީ އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް. އަދި ދިރާގުން މިއަހަރުވެސް މި މުހިންމު ޒިންމާ އަޅުގަނޑުމެންނާ ހަވާލުކޮށްދެއްވުމަކީ، ޓްރީ ޓޮޕް ހޮސްޕިޓަލުން މިދޭ ހިދުމަތުގެ އަގު ވަޒަންކޮށް އަޅުގަނޑުމެންނަށް ކުރާ އިތުބާރު ދައްކުވައިދޭ ކަމެއް." ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާ ވިދާޅުވިއެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ބައިވެރިވުމަކީ ޓްރީ ޓޮޕް ހޮސްޕިޓަލަށް ލިބުނު ބޮޑު ޝަރަފެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. މިފަދަ ހަރަކާތްތަކުން އާންމު ސިއްހަތަށް ހޭލުންތެރިކަން އިތުރުވެ، މަދަނީ ޖަމިއްޔާތަކަށް މާލީ އެހީ ލިބި، އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ބާރުއެޅޭ ކަމަށްވެސް ބުންޏެވެ.

ޓްރީ ޓޮޕުން ބުނީ، ދުޅަހެޔޮ މުޖުތަމައަކަށް ކުރާ މަސައްކަތުގައި އަބަދުވެސް އެ ހޮސްޕިޓަލުން ބައިވެރިވާނެ ކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެފަހުގެ ވަސީލަތްތަކާ އެކު ތަފާތު އާ ހިދުމަތްތައް ތައާރަފު ކުރަމުންނެވެ.