އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން މާދަމާ އޮންނާނެއެވެ. ވާދަކުރައްވަނީ މިހާރުގެ ނާއިބުރައީސް ކަމަލާ ހެރިސްއާއި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ހެރިސްއެވެ. ރިޕަބްލިކަން ޕާޓީގެ ފަރާތުން ޓްރަމްޕެވެ. ޚިޔާލު އެއްކުރުންތަކުން ފެންނަނީ ވަރަށްވެސް ވާދަވެރި އިންތިޚާބެކެވެ. ކޮންމެ ކޮޅަކަށްވެސް ނަތީޖާ ނުކުމެދާނެއެވެ. ކޮންމެއަކަސް ނޮވެމްބަރު ފަހެއްގައި ގޮތް ނިންމާން އެތިބީ އެމެރިކާގެ ރައްޔިތުންނެވެ. މި އިންތިޚާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ 162 މިލިއަން މީހުން އެބަތިއްބެވެ. އެމެރިކާއަކީ އަދަދުގެ ގޮތުން ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު ޑިމޮކްރަސީއެވެ. ދުނިޔޭގެ އެންމެ ބާރުގަދަ ނުފޫޒުގަދަ އަދި ދުނިޔޭގެ ކޮންމެ ކަމަކަށް އުނދުޅިބާނާ ގައުމަކީ އެމެރިކާ ކަމަށްވާއިރު މުހިންމު ބައެއް ގައުމުތަކުގެ ރައުޔުހުރީ ކޮންގޮތަކަށް ބާވައެވެ. ބޭނުމީ ޓްރަމްޕު ހެއްޔެވެ. ނުވަތަ ހެރިސް ހެއްޔެވެ. ބަލައިލަމާބަހީއެވެ.
ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިން ބޮޑަށް ބޭނުންފުޅުވާ ކަމަށް ގަބޫލުކުރެވެނީ ޓްރަމްޕުގެ ކާމިޔާބީއެކެވެ. އެހެން ހީވާންޖެހޭ ބައިވަރު ސަބަބުތައް އެބަހުއްޓެވެ. ޓްރަޕްމަކީ އަބަދުވެސް ޕުޓިންއާމެދު މަޑުމައިތިރިކަމުގެ ވިސްނުން ބަހައްޓަވާ ބޭފުޅެކެވެ. ޓްރަމްޕުގެ ވެރިކަމެއްގައި ޔުކްރޭނަށްދޭ އެހީ މަދުކުރުމުގެ ފުރުސަތު އެބައޮތެވެ. ޓްރަމްޕަކީ ޔޫރަޕުގެ އިއްތިހާދާއި ނޭޓޯއަށްވެސް ދޭތެރެދޭތެރެއިން އިންޒާރު ދެއްވައި ނުތަނަވަސްކަން އުފައްދަވާ ބޭފުޅެކެވެ. ވިދާޅުވެއެވެ. ޔޫރަޕު ދިފާއުކުރަން އެމެރިކާއިން ޚަރަދުކުރަންވީ ކީއްކުރަން ހެއްޔެވެ. ޔޫރަޕަކީ ވިޔަފާރީގައި އެމެރިކާގެ ވާދަވެރިއެކެވެ. އެމެރިކާއިން ގުރުބާންވުމުގެ ބޭނުމެއްނެތެވެ. ނޭޓޯއާމެދުވެސް އޭނާ ވިދާޅުވެއެވެ. ކީއްކުރާ ބައެއް ހެއްޔެވެ. ކޮން ބޭނުމެއްހިފޭ ބައެއް ހެއްޔެވެ. ޓްރަމްޕުގެ ބަސްމަގު މިފަދައިން ހުރީމާ ޓްރަމްޕުގެ ކާމިޔާބީއަކަށް ޕުޓިން އިންތިޒާރު ކުރެއްވިޔަސް މަޖާޒީ ގޮތެއްގައި އޭނާ ވިދާޅުވެފައިވަނީ ރަޝިޔާ ދެކެން ބޭނުންވަނީ ކަމަލާ ހެރިސްގެ ވެރިކަމެއް ކަމުގައެވެ.
ދުނިޔޭގެ ކޮންޓްރޯލަށްޓަކައި މިއަދުގެ ދުނިޔޭގައި އެމެރިކާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޗައިނާއެވެ. ހަމައެގޮތަށް ޗައިނާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީވެސް އެމެރިކާއެވެ. ރަޝިޔާގެ ރައީސް ޕުޓިން ވިދާޅުވިހެން ތިމަންނާ ދެކެން ބޭނުންވަނީ މިވެނި މީހެއްގެ ކާމިޔާބީއެކޭ ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅެއް ނުވެއެވެ. އެކަމަކު ބޮޑަށް ގަބޫލު ކުރެވެނީ ޗައިނާ އެދޭގޮތަކީ ހެރިސް ހޮވުންކަމުގައެވެ. ޓްރަމްޕުގެ ވެރިކަމުގެ ދައުރުގައި ދެއިރު ދެދަޅަޔަށް އޭނާ ގެންދެވީ ޗައިނާއަށް ފާޑުވިދާޅުވެ ވިޔަފާރީގައި ހުރަސްތައް ކުރިމަތި ކުރައްވަމުންނެވެ. އެކަން ޗައިނާގެ ވެރިންގެ ހަނދާނުން ކެހިގެންދާހާ ދުވަހެއްވެސް ނުވެއެވެ. އަނެއްކޮޅުން ހެރިސް ހޮވުނަސް ޗައިނާއަށް ވަކި ފަސޭހައެއް ނުވާނެއެވެ. ކަމަލާ ހެރިސް ގެންގުޅުއްވާނެ ކަމަށް ބެލެވެނީ ހަމަ ޖޯ ބައިޑެންވެސް ގެންގުޅުއްވަމުން ގެންދަވާ ސިޔާސަތެވެ. ޗައިނާއާ ޖައްސާލައިގެން އުޅުމުގެ ސިޔާސަތެވެ. މިހެން މިކަންއޮތަސް ސިއްރިޔާތުގައި ޗައިނާއިން އެދޭނެ ކަމަށް ހީކުރެވެނީ ހެރިސްގެ ކާމިޔާބީއަކަށެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެދޭނެ ކަމަށް ޔަގީން ކުރެވެނީ ޓްރަމްޕުގެ ކާމިޔާބީއަކަށެވެ. ޓްރަމްޕަކީ އޭނާގެ އެންމެގާތް މިތުރެވެ. އެމެރިކަން އިޒްރޭލް ކައުންސިލްގެ ބައްދަލުވުމެއްގައި 2019 ވަނަ އަހަރު ޓްރަމްޕު ވިދާޅުވިއެވެ. އޭނާއަށްވުރެ އިޒްރޭލަށް ހެޔޮއެދޭ އިޚުލާސްތެރި ރަހުމަތްތެރިއަކު އެމެރިކާގެ ރިޔާސަތަށް އައިސްފައެއް ނުވެއެވެ. އެމެރިކާގައި އެންމެފަހުން ބޭއްވުނު އިންތިޚާބުގައި ޓްރަމްޕުގެ މައްޗަށް ޖޯ ބައިޑެން ހޯއްދެވި ކާމިޔާބީ ގަބޫލުކޮށް ބައިޑެންއަށް ތަހުނިޔާގެ މެސެޖެއް ނަތަންޔާހޫ ފޮނުވީމާ އެކަމާ އެންމެ ބޮޑަށް ކޯފާ އިސްކުރެއްވި ބޭފުޅަކީވެސް ޓްރަމްޕެވެ. ވިދާޅުވިއެވެ. ބޮޑުވެގެންވާ ހަރާންކޯރުވުމެކެވެ. އަނެއްކޮޅުން ޖޯ ބައިޑެން މިހާރުވެސް އެހުންނެވީ ނަތަންޔާހޫގެ ތާއީދު ކަމަލާ ހެރިސްއަށް އޮންނާނެ ކަމަށް ހީފުޅު ކުރައްވައިގެންނެވެ. ވިދާޅުވިއެވެ. އެމެރިކާގެ ތާރީޚުގައިވެސް އަހަރެންނަށްވުރެ ބޮޑަށް އިޒްރޭލަށް އެހީވި ރައީސަކު ނުހުންނާނެއެވެ. ބީބީވެސް މިކަން ދަންނަންވާނެއެވެ. ބީބީއަކީ ލޯބިން ނަތަންޔާހޫއަށް ކިޔާނަމެވެ.
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އޮތީ ވަރަށް އުނދަގޫ ނިންމުމެކެވެ. ކަމަލާ ހެރިސްގެ މަންމަޔަކީ އިންޑިޔާގެ އަންހެނެކެވެ. އެހެންވީމާ އިންޑިޔާގެ ވަރަށް ގިނަބަޔަކު އެދިގެންތިބީ ހެރިސްގެ ކާމިޔާބީއަކަށެވެ. އެކަމަކު މޯދީއާއި އޭނާގެ ސަރުކާރުގެ ވިސްނުން ހިސާބަކަށް ތަފާތު ކަމަށް ފެނެއެވެ. ކޮންމެ މީހަކު ވެރިކަމަށް އަޔަސް އިންޑިޔާ ވާނީ މުހިންމު ބައިވެރިއަކަށެވެ. އެއީ ޗައިނާ ސައިޒްކުރެވެންއޮތް ހަމައެކަނި ގޮތެވެ. ހެރިސްގެ ވެރިކަމަކަށްވުރެ ޓްރަމްޕުގެ ވެރިކަމެއް މޯދީއަށް ރަގަޅުވާނެ ކަމަށް ބެލެވެނީ އިންޑިޔާގެ މުސްލިމުންނާ ދެކޮޅަށް މޯދީގެ ސަރުކާރުން ކުރާ ކަންކަމަށް ޓްރަމްޕުގެ ސަރުކާރުން ފާޑުނުކިޔާނޭކަން ކަށަވަރުވުމާއި އިންސާނީ ހައްގުތަކުގެ ވާހަކައިން ސުވާލު ނުކުރާނޭކަން ގައިމުވުމެވެ. ކަމަލާ ހެރިސްގެ ވެރިކަމެއްގައި ފާޑުކިޔުން އަންނާނެއެވެ. ޕްރެޝަރުވެސް ކުރިމަތި ކުރާނެއެވެ. އެހެންވީމާ މޯދީގެ ސަރުކާރުން ބޮޑަށް އެދޭނީ ފާޑުކިޔާ ރަހުމަތްތެރިއަކަށްވުރެ ފާޑުނުކިޔައި ދެލޯމަރާލައިގެން ހުންނަ ރަހުމަތްތެރިއަކަށެވެ.
ޔޫރަޕުގެ އިއްތިހާދުގެ ގައުމުތަކާއި ޖަޕާނާއި ދެކުނު ކޮރެޔާ އަދި އޮސްޓްރޭލިއާއަކީ އަބަދުވެސް އެމެރިކާގެ މުހިންމު ބައިވެރިންނެވެ. އެމެރިކާގެ ވެރިކަމަށް ކޮންމެ މީހަކު އަޔަސް އެ ރަހުމަތްތެރިކަން އެގޮތުގައި ދެމިއޮންނާނެއެވެ. އެކަމަކު ޔޫރަޕުގެ އިއްތިހާދުގެ ގިނަ ގައުމުތަކުން ބޭނުންވަނީ ކަމަލާ ހެރިސްގެ ކާމިޔާބީއަކަށްކަން ކަށަވަރެވެ. އެކަން އެގައުމުތަކުން ސިއްރެއްވެސް ނުކުރެއެވެ. މީގެ މިސާލަކީ ޖަރުމަންވިލާތުގެ ޗާންސެލަރ އޮލާފް ޝޫޒެވެ. އެގައުމުތަކުން ޓްރަމްޕު ނޫންގޮތެއް އެދޭ ސަބަބަކީ ރަހުމަތްތެރިންނަށްވެސް ޕްރެޝަރު ޖައްސައި ފެލައިލުމުގެ ސިޔާސަތެެއް ޓްރަމްޕު ގެންގުޅުއްވާތީއެވެ. ދިފާއީ ކަންކަމަށް ކުރާހޭދަ އިތުރުކޮށް އެމެރިކާއަށް ބަރޯސާކުރުން ކުޑަކުރުމަށް ބާރުއަޅުއްވާތީއެވެ. އަދި ވިޔަފާރީގެ ކަންކަމުގައި އެމެރިކާއަށް ދޫދޭން މަޖުބޫރު ކުރައްވާތީއެވެ. އޮސްޓްރޭލިޔާއަށްވެސް އޮތީ މިމައްސަލައެވެ. ޖަޕާނާއި ދެކުނު ކޮރެޔާއަށްވެސް އޮތީ މި މައްސަލައެވެ. އެހެންވެ އެގައުމުތަކުން އެދެނީ ކަމަލާ ހެރިސްގެ ސަރުކާރެކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ