އަންނަ އަހަރަށް ފާސްކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް ފާސްވާއިރު ގާނޫނުގައި އޮތް ގޮތަށް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ފަސް ޕަސެންޓް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ޕެޓް ކެއާ ފެސިލިޓީ" ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުން ކައުންސިލްތައް ބާރުވެރިކުރުވާނެ ކަމަށެވެ. އެގޮތުން ކައުންސިލްތަކަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ކައުންސިލްތަކަށް ފަޅު ރަށްތައް ލިބޭނެ މަގުފަހިކޮށްދީ، ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓެކްސްގެ ވަކި ޕަސަންޓެއް ކައުންސިލްތަކަށް ޖަމާކޮށްދިނުމަށް ނިންމާފައިވާ ނިންމުން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"ބްލޮކް ގްރާންޓުގެ ފަސް ޕަސެންޓް އެއީ ގާނޫނުގައި އޮތް ގޮތް، އެ ގާނޫނުގައި އޮތް ގޮތަށް ހުރިހާ ކައުންސިލަކަށް މި ފަހަރުގެ ބަޖެޓް ފާސްވާއިރުގައިވެސް ބްލޮކް ގްރާންޓް ފަސް ޕަސެންޓް ލިބޭނެ. އޭގެ އިތުރަށް ލޯކަލް ޓޫރިޒަމްގެ ތެރެއިން ވަކި އިންސައްތައެއް ހަވާލުކުރަން އަޅުގަނޑުމެން ގާނޫނު އިސްލާހުކުރަން ފޮނުވާނަން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ގާނޫނުގައި ލިޔެފައި ހުރި، މިއަދާ ހަމައަށް ނުކޮށް ހުރި ކަންތައްތަކެއް ކުރިއަށް އޮތް ހަފުތާއެއް ނުވަތަ ދެ ހަފުތާއެއްގެ ތެރޭގައި ކައުންސިލްތަކަށް ހަވާލުކުރުމަށްޓަކައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާތައް ހިނގަމުންދާ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި 50 ރަށެއްގެ ކައުންސިލް އިމާރާތް އެޅުމާއި ދައުރުގެ ބާކީ އޮތް ދުވަސްތަކުގައި 120 އިދާރާ އަޅާނެ ކަމަށްވެސް ވިދާޅުވިއެވެ.