މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ސަރުކާރުން ހެދި ފެސިލިޓީ މިއަދު ހުޅުވައިފިއެވެ.

"އޮޅު ހިޔާ" ނަމުގައި ހުޅުމާލެ 2 ގައި ހެދި ބުޅާ ފެސިލިޓީ ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މި ވަގުތީ ފެސިލިޓީއަކީ މާލެ ސަރަހައްދުގެ ޕާކުތަކާއި މަގުމަތީގައާއި އަދި އެ ނޫންވެސް އާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ބުޅާ ގިނަވެ، އެ ބުޅާތަކަށް ލިބެމުންދާ އަނިޔާތަކާއި އަދި ތަފާތު ބަލިތައް ޖެހުމުން ސަލާމަތްކޮށް، ބުޅާތައް ދިރިއުޅޭނެ ރައްކާތެރި މާހައުލެއް ގާއިމުކުރުމުގެ ބޭނުމުގައި ހެދި ތަނެކެވެ.

އެ ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ، އެ މަނިކުފާނު މޭޔަރަކަށް ކުރިމަތިލުމަށް ކެމްޕެއިން ކުރި ދުވަސްވަރު މާލެ ސިޓީގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މާލޭ މަގުތަކުގައި ގިނަވަމުންދާ ބުޅާތަކުގެ ނަޖިހުން ބަލިމަޑުކަމެއް ފެތުރިގެން ގޮސްދާނެތީ ކަމަށެވެ. ނަމަވެސް ކުރީ ސަރުކާރުން ކުރިމަތިކުރުވި ދަތިތަކަކަށްފަހު މަގުތަކުގައި އުޅޭ ބުޅާތަައް ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުމުން ރައްޔިތުން އެދޭ ގޮތަށް ހައްލު ލިބިގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. އާއިޝަތު ރަމީލާ ވިދާޅުވީ "އޮޅު ހިޔާ" ނަމުން އެ ފެސިލިޓީއަށް ނަން ދިނީ އޮޅުކޮށްގެން ގެންގުޅޭ ކޮންމެ ޖަނަވާރަކަށްވެސް އެ ތަނުން ހިދުމަތް ލިބޭނެތީ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް އެ ފެސިލިޓީއަށް ގެންދިޔަ ނަމަވެސް ޕެޓްގެ ގޮތުގައި ގެންގުޅޭ ކޮންމެ ޖަނަވާރަކަށް އެ ހިޔާ އިން ހިދުމަތް ދިނުމާއި އަދި ރާއްޖެއިން ބޭރަށް ނުވަތަ ރަށަކަށް ފުރައިންގެންދާ ފަރާތްތަކަށްވެސް އެ މީހުންގެ އޮޅު ޖަނަވަރާތުތައް އެ ތަނުގައި ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވިދާޅުވިއެވެ.

އެ ފެސިލިޓީގައި ބުޅާތައް ކަރަންޓީނު ކުރެވޭ ސަރަހައްދަކާއި ކްލިނިކަކާއި ލެބޯޓްރީއެއް ވެސް ހަދާފައި ހުންނައިރު، ބުޅަލަށް ދޭންޖެހޭ ބޭސްތައް ހުންނަ ފާމަސީއަކާއި އެ އެއްޗިއްސަށް ދުވެ އުޅެވޭ ސަރަހައްދެއްވެސް ހަދާފައިވެއެވެ.

"ފުރަތަމަ މަގުމަތިން ނަގާ ބުޅާތައްވެސް ޑޮކްޓަރު ޓްރީޓްމަންޓެއް ދޭނަމަ ދިނުމަށްފަހު، ކަރަންޓީނު އޭރިއާގައި ބުޅާތައް ބެހެއްޓޭނެ ދެތިން ދުވަސް ވަންދެން ޑޮކްޓަރު އިރުޝާދު ދެއްވާ ގޮތަކަށް. ބުޅަލުން އިތުރު ކަމެއް ފެނޭތޯ ބަހައްޓާފައި ކްލިރިއަންސެއް ލިބުނީމަ ބުޅާތައް ގެންދާނީ ހެލްތީ ހޯލްޑިންއަށް. ހެލްތީ ހޯލްޑިންގައި ބަހައްޓާފައި ބުޅާތަކަކީ އިންސާނުންނާ އިންޓްރެކްޓުވެ އުޅުމަށް ހެލްތީ ކަމަށް ނިންމާފައި ގެންދާނީ ޖެނެރަލް ހޯލްޑިން،" ރަމީލާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެ ތަނަނަށް ޒިޔާރަތްކުރާ ކުޑަކުދިންނަށްވެސް ބުޅާތަކަށް ކާން ދިނުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށާއި ނަމަވެސް ބޭރުން ގެންނަ އެއްވެސް ބާވަތެއްގެ ކާތަކެތި ބުޅާތަކަށް ކާންދިނުން މަނާވާނެ ކަމަށެވެ. އޭގެފަހުން މަގުތަކުގައި އުޅޭ ހުރިހާ ބުޅާތައް ނެގުމަށްފަހު ފަރުވާ ދީގެން އެ ބުޅާތައް އެޑޮޕްޓް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ގާތްގަނޑަކަށް 15 ވަރަކަށް އަހަރުވެފައިވާ މަސައްކަތެއް ހައެއްކަ މަސްތެރޭ ނިންމާލެވުމަކީ ލިބޭ ވަރަށް ބޮޑު ކާމިޔާބީއެއް. ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރާނީ މާލެ ރައްޔިތުންނަށް ދިމާވެފައިވާ ކަންތައްތައް ހައްލުކޮށްދޭން" މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވިއެވެ.