ދިވެހި ސާފް ލީގުގެ އެންމެ ފަހު މުބާރާތް، ރަންނަމާރި ޗެލެންޖް ކާމިޔާބުކޮށް، ހޫދު އަހުމަދު މި އަހަރުގެ ސާފް ލީގު ފިރިހެން އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މިފަހަރުގެ ސާފް ލީގުގެ ފަހު އިވެންޓަށް ނުކުތްއިރު، ލީގު އޮތީ ވާދަވެރިކޮށެވެ. ފިރިހެން އޯޕަން ޑިވިޝަންގެ އެއްވަނައިގައި އިސްމާއީލް މިގްލާލް އޮތްއިރު، ދެވަނައިގައި އޮތީ ނަޖާހު މުހައްމަދު (ކަނބޯ) އެވެ. ހޫދު އޮތީ ތިންވަނައިގައެވެ. އެއީ ކުޑަ ފަރަގެއްގެ ތަފާތުގައެވެ. ހޫދު އެ ފަރަގު ކަޑަތުކޮށް ލީގު ހޯދީ، ރަންނަމާރި ޗެލެންޖުގެ ފައިނަލުގައި ޒުވާން ހުނަރުވެރި ސާފަރު ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ) ބަލިކޮށްގެންނެވެ.
ހޫދު ފައިނަލުގައި 11.25ގެ ސްކޯއެއް ހޯދި އިރު، ކަޔާނަށް ލިބުނީ 10.05ގެ ސްކޯއެކެވެ. ރަންނަމާރި ޗެލެންޖުގެ ކުރިން ލީގު ރޭންކިންގައި ހޫދަށްވުރެ ކުރީގައި އޮތް އެއްވެސް ސާފަރަކު މިފަހަރު ސެމީ ފައިނަލަށްވެސް ގޮސްފައި ނުވާއިރު، ހޫދު ސެމީގައި ބަލިކުރީ އަހުމަދު އާގިލް (އަންމަޑޭ) އެވެ. ކަޔާން ސެމީގައި ބަލިކުރީ އޭނާގެ ބައްޕަ އަބްދުﷲ އަރީފެވެ.
ރަންނަމާރި ޗެލެންޖުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ކަމާއެކު އާޔާ ނަސީމް ވަނީ ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް މުބާރާތް ކާމިޔާބުކޮށް، މިފަހަރުވެސް ސާފް ލީގުގެ އަންހެން ޗެމްޕިއަންކަން ހޯދައިފައެވެ. އާޔާ، 10.35ގެ ސްކޯއެއް ފައިނަލުގައި ހޯދި އިރު، ދެން ވާދަކުރި ޝަޒިޔާ ސައީދު ވަނިީ 6.50ގެ ސްކޯއެއް ހޯދައިފައެވެ. ރަންނަމާރި ޗެލެންޖުގެ އަންހެން ބައިގެ ތިންވަނަ ހޯދީ ރިޝްތާ ޝުޖާއެވެ.
ސާފް ލީގުގެ ފަހު އިވެންޓް ރަންނަމާރި ޗެލެންޖްގެ ޖޫނިއާ ޗެމްޕިއަންކަން މި އަހަރު ހޯދީ ޔާސިން އަހުމަދު ނާޝިދެވެ. އެއީ ކަޔާނާ ވާދަކޮށް، 11.00ގެ ސްކޯއަކުންނެވެ. ކަޔާނަށް ފައިނަލް ހީޓުގައި ހޯދުނީ 9.70ގެ ނަތީޖާ އެކެވެ.
ޖޫނިއާ ލީގު ރޭންކިންނަށް ބަލާއިރު، އެއްވަނައިގައި ނިންމާލީ މުހައްމަދު އިނާން އަބްދުލް ހަންނާނެވެ. އޭނާ މި ފަހަރުގެ އިވެންޓުން ކެޓީ ކުއާޓާ ފައިނަލް ހީޓުންނެވެ. މިފަހަރު ސެމީގައި ކަޔާން ވަނީ ޔޫސުފް ކަޔާން ހަމްދާން ޒަކީ ބަލިކޮށްފައެވެ. އަދި ޗެމްޕިއަންކަން ނެގި ޔާސިން ސެމީގައި ބަލިކުރީ ސައްޔިދު ސަލާހުއްދީނެވެ.
ސާފިން
ސާފިން
ސާފިން
ސާފިން