ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިހާބު ބާއްވާ ދުވަސް ފަސްކޮށްފިއެވެ.
ޕީއެންސީގެ އެތެރޭގެ އިންތިހާބު މީގެ ކުރިން ބާއްވަން ނިންމާފައި އޮތީ މި މަހުގެ 9 ވަނަ ދުވަހުއެވެ.
ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިމަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެޕާޓީގެ އެތެރޭގެ އިންތިހާބު މިމަހުގެ 23 ވާ ހޮނިހިރު ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.
ޕީއެންސީން ބުނީ އިންތިހާބު ބާއްވާ ތާރީހު ފަސްކުރީ ޖުމްހޫރީ ދުވަސް ކަމަށްވާ މިމަހުގެ 11 އާ ގުޅިގެން 10 ވެސް ސަރުކާރު ބަންދު ދުވަހެއް ގޮތަށް ކަނޑައެޅުމުން، 9 ގައި އިންތިހާބު ބާއްވައިފިނަމަ ދަތިތައް ކުރިމަތިވެދާނެތީ ކަމަށެވެ.
"އެ ހަފުތާ ބަންދުގައި ގިނަ ބަޔަކު ރަށުން ބޭރަށް ދަތުރު ކުރުމަށް ހަމަޖެހިފައިވުމާ އެކު ނޮވެމްބަރު 9 ވާ ހޮނިހިރު ދުވަހު ވޯޓު ލުމުގައި މެންބަރުންނަށް ތަކުލީފު ކުރިމަތިވާނެތީ، ވޯޓު ނަގާ ތާރީހު އެހެން ތާރީހަކަށް ބަދަލުކޮށްދިނުމަށް އެދި ކެންޑިޑޭޓުންނާއި ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން އެދުމުން[(ފަސްކުރީ]،" ޕީއެންސީން ބުންޏެވެ.
ދާއިރާތަކުގެ އިންތިހާބުގެ ވޯޓު ނަގާ ތާރީހު ބަދަލުވުމާ ގުޅިގެން، އިންތިހާބު ބާއްވަން ޖެހޭ ދާއިރާތަކާއި ރަށްތައް އަދި ކެންޑިޑޭޓުންގެ ނަންތަކާއި ވޯޓު ލެވޭ މީހުންގެ ލިސްޓު ނޮވެމްބަރު 10 ވާ އާދީއްތަ ދުވަހު އާންމު ކުރާނެ ކަމަށް ވެސް ޕީއެންސީން ބުންޏެވެ.
ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ރާއްޖޭގެ އެކި އަތޮޅުތަކުން ޖުމްލަ 2،095 މެންބަރުން އެކި މަގާމުތަކަށް އައްޔަނު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު