ވެސްޓެރޯސްގެ ޑްރޭގަންތައް ބޮޑު ސްކްރީނަށް އަންނަކަމުގެ ފެހި ސިގްނަލް ލިބިއްޖެއެވެ. ފަހުގެ ރިޕޯޓުތަކަށް ބަލާއިރު، "ގޭމް އޮފް ތްރޯންސް" ގެ ދުނިޔޭގެ ފިލްމެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ. ނަމަވެސް، މި ފިލްމު އަދި ވަނީ "ފަށައިގަންނަ މަރުހަލާގައި" ކަމަށް ޓްރޭޑް އައުޓްލެޓްތަކުގެ ތެރެއިން "ދަ ހޮލީވުޑް ރިޕޯޓާ" އާއި "ޑެޑްލައިން" އިން ރިޕޯޓުކޮށްފައިވެއެވެ.
ޖޯޖް އާރްއާރް މާޓިންގެ ލިޔުންތަކުން އުފެދުނު "ގޭމް އޮފް ތްރޯންސް" ގެ ފުރަތަމަ ސީރީޒް 2011 ގައި ދެއްކި ހިސާބުން ފެށިގެން ދުނިޔޭގެ ސަގާފީ ފެނޯމިނަން އުފެއްދުމަކަށް ވެގެންދިޔައެވެ. މާޓިން އަދި ތްރޯންސް ގެ އުފެއްދުންތެރިން ކަމުގައިވާ ޑޭވިޑް ބެނިއޮފް އަދި ޑޭން ވައިސް މީގެ ކުރިން މިއާއި ގުޅޭ ފިލްމުތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވީ ނަމަވެސް، މައި ކުންފުނި ވޯނާ ބްރޯސް ޑިސްކަވަރީން މި ފްރެންޗައިޒް ސިނަމާތަކަށް ގެންދިއުމާ ދެކޮޅު ހަދާފައިވެއެވެ.
"ދަ ހޮލީވުޑް ރިޕޯޓާ"ގައިވާ ގޮތުން، ފަހުގެ ތާރީހެއްގައި ސްޓޫޑިއޯގެ ލީޑަޝިޕަށް އައި ބަދަލުތަކާއި، "ދަ ބެޓްމޭން"، "ޑޫން" އަދި ކުރިއަށް އޮތް "ހެރީ ޕޮޓާ" ޓީވީ ސީރީޒް ފަދަ ބޮޑު އަދި ކުޑަ ސްކްރީންތަކަށް ދަތުރުކުރި ފްރެންޗައިޒްތަކުގެ ކާމިޔާބީގެ ސަބަބުން، މިކަމަށް ބަދަލެއް ގެނައުމަށް މަގުފަހިވެފައިވާ ކަމަށް ބެލެވެނީއެވެ. އެހެންކަމުން އެމީހުން އަންނަނީ ފިލްމު އުފެއްދުމުގެ މަސައްކަތް ސިއްރުން ކުރަމުންނެވެ.
"ޑެޑްލައިން" އިން ބުނި ގޮތުގައި މިހާތަނަށް ކުރެވިފައި ވަނީ ފިލްމު ފެށުމުގެ މަޝްވަރާތައް އެކަންޏެވެ. މި ހުށަހެޅިފައިވާ ފިލްމާ ގުޅޭގޮތުން އެއްވެސް ތަރިއެއްގެ ނަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. "މިކަމާ ގުޅޭގޮތުން އަހަރެމެންގެ އެއްވެސް ކޮމެންޓެއް އަދި ނެތް،" ވޯނާގެ ވެރިޔަކު އޭއެފްޕީއަށް ދިން ކޮމެންޓްގައި ބުންޏެވެ.
އެޗްބީއޯގެ "ގޭމް އޮފް ތްރޯންސް" ޓެލެވިޒަން ސީރީޒް 2011 އިން 2019 އަށް ދައްކާފައިވާއިރު އޭގެ 8 ސީޒަންގެ ވެސް ރޭޓިންތައް ވަނީ އެންމެ މަތީގައި ހިފަހައްޓައި ފާޑުކިޔުންތެރިންގެ ތައުރީފުވެސް ހޯދާފައެވެ. މި ސީރީޒަށް ރެކޯޑު އަދަދަކަށް އެމީ އެވޯޑްވެސް ލިބިފައިވެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން