އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ގެންނަ އިސްލާހުން އެ ކަނޑުވާލެވެނީ ގާނޫނުއަސާސީގެ ދުސްތޫރުގެ ބާރު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އެ ދެ ބިލަށް ފާޑުވިދާޅުވަމުން، ޕީއެންއެފްގެ ރޭގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ 2008 ވަނަ އަހަރު ގާނޫނުއަސާސީ އިސްލާހުކޮށްފައިވަނީ 17 އަހަރުގެ ދިގު މުއްދަތަކަށް ގިނަ ބަހުސްތަކެއް ކުރެވިގެން ސަރުކާރުގެ ނުފޫޒުން މުއައްސަސާތައް މިނިވަންކުރުމަށް ކަމަށެވެ.

"ދައުލަތުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގައިގެން ވަކި ބަޔަކަށް ވަކި ޕްރޮޖެކްޓެއް ލިބޭ ގޮތަށް ކަންތައް ކޮށްފި ކަމަށްވަންޏާ، އެކަހަލަ ކޮރަޕްޝަނުން މި އުޅެނީ މި ގައުމު ސަލާމަތްކުރަން. އެއީ މި ނިޒާމަކީ. އެ ނިޒާމުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހަކު އެންޓި ކޮރަޕްޝަން ކޮމިޝަންގައި ހުރެއްޖެ ކަމަށް ވަންޏާ، ގާނޫނުއަސާސީގެ ދުސްތޫރުގެ ބާރު އެ ކަނޑުވާލަނީ. ނުފޫޒުން އެއްކިބާ މި ކުރަނީ ދައުލަތުގެ އެގްޒެކެޓިވް ބްރާންޗުގެ ނުފޫޒު،" ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އިންތިހާބުތަކުގައި ވާދަކުރައްވާ ބޭފުޅުންނަށް އީސީގެ ރައީސަކު އައްޔަންކުރެއްވުމުގެ ބާރު ދިނުމަކީ މުޅިން ގޯސް ކަމެއް ކަމަށާއި އޭރުން އެ ދެވެނީ މި ޒަމާނުގެ ވިސްނުމާ ވަރަށް ދުރަށް ކަމަށެވެ.

"އެ ދަނީ 1979 އާ ހަމައަށް. ރައީސް މައުމޫނާ ހަމައަށް އައި އިރު، އެންމެ ފުރަތަމަ ދައުރު ދިޔައީ ގާނޫނުއަސާސީ އިސްލާހުވަންދެން، 2008 ގައި ތަންފީޒުކުރެވެންދެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ވެސް، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާނީ އޭސީސީގެ ރައީސް ވެސް،" ޔާމީން ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު އޭސީސީގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅި ބިލާއި، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް އީސީގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި އެ ދެ ބިލުގައި ބަޔާންކޮށްފައިވަނީ، މުސްތަގިއްލު ކޮމިޝަންތަކުގެ ހިންގުުން ހަރުދަނާކޮށް، ކޮމިޝަންތަކަށް އައްޔަންކުރާ މެންބަރުންގެ ތެރެއިން އެ ކޮމިޝަންތަކުގެ ރައީސާއި ނާއިބު ރައީސްގެ މަގާމަށް މެންބަރުން އައްޔަންކުރުމުގައި، އަމަލުކުރަމުން އަންނަ އުސޫލު އެއްހަމަކުރުން ކަމަށެވެ.

ގާނޫނުުގެ ހަތްވަނަ މާއްދާގައި މިހާރު އޮންނަނީ، އެ ދެ ކޮމިޝަނަށްވެސް ރައީސަކާއި ނާއިބު ރައީސަކު އައްޔަންކުރާނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން، އެ ކޮމިޝަންގެ މެންބަރުން ކަމަށެވެ. އަދި އެ މަގާމަށް އައްޔަންކުރާތާ 48 ގަޑިއިރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލީހަށް، އެކަން ކޮމިޝަނުން އަންގަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ގާނޫނުގެ 15 ވަނަ މާއްދާގެ (ށ)ގައި ބުނަނީ ކޮމިޝަންގެ ރައީސް، މަގާމުން އިސްތިއުފާދިނުމަށްޓަކައި އެކަން ބަޔާންކޮށް ސިޓީއަކުން ކޮމިޝަނަށް ހުށަހެޅުމުން އެމީހަކު މަގާމުން ވަކިވީ ކަމަށެވެ. ނަމަވެސް ނާއިބު ރައީސްކަމުން އިސްތިއުފާދޭން ހުށަހަޅަން ޖެހޭނީ ކޮމިޝަންގެ ރައީސަށް ކަމަށްވެސް ބުނެފައިވެއެވެ.

ގާނޫނުގެ ހަތްވަނަ މާއްދާއަށް މި ބިލުން ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ، ކޮމިޝަންގެ މެންބަރުންގެ ތެރެއިން ކޮމިޝަންގެ ރައީސާއި ނާއިބުރައީސެއް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވަންވާނެ ކަމަށެވެ.

ކޮމިޝަންގެ ރައީސް ނުވަތަ ނާއިބުރައީސަކު އައްޔަން ކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، ކޮމިޝަނަށް މެންބަރުންގެ ތެރެއިން މީހެއް، ނުވަތަ މީހުންގެ ނަން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެ ނަންތަކުގެ ތެރެއިން މަޖިލީހުން ފާސްކުރާ މީހަކު، ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް ނުވަތަ، ނާއިބުރައީސް ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ، ކޮމިޝަންގެ ރައީސް ނުވަތަ ނާއިބުރައީސް އެ މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން ކޮމިޝަންގެ ރައީސްކަމުގެ މަގާމުން، ނުވަތަ ނާއިބު ރައީސްކަމުގެ މަގާމުން އެމީހަކު ވަކިވީ ކަމަށެވެ.

އޭސީސީގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ނ)ގައި ބުނަނީ ކޮމިޝަންގެ ރައީސާއި ނާއިބު ރައީސް މަސްއޫލިއްޔަތު އަދާކުރަމުން ނުދާކަމަށް ކޮމިޝަންގެ އަގުލަބިއްޔަތުން ފާސްކޮށްފިނަމަ އެބޭފުޅުން މަގާމުން އިސްތިއުފާދޭންވާނެ ކަމަށެވެ. އަދި (ރ)ގައި ބުނަނީ އެގޮތަށް އިސްތިއުފާދިން ނަމަވެސް ކޮމިޝަންގެ މެންބަރުކަމުން ވަކިނުވާނެ ކަމަށެވެ.

ގާނޫނުގެ 11 ވަނަ މާއްދާގެ (ރ) ގައި ބުނަނީ ކޮމިޝަންގެ ރައީސްކަމުގެ މަގާމު ނުވަތަ ނާއިބު ރައީސްގެ މަގާމު ހުސްވެއްޖެނަމަ ގިނަވެގެން 72 ގަޑިއިރުގެ ތެރޭގައި ގާނޫނުގައި ބަޔާންކޮށްފައިވާގޮތުގެ މަތިން ހުސްވި މަގާމަށް މީހަކު ކޮމިޝަނުން އައްޔަންކުރަންވާނެ ކަަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް 10 ވަނަ މާއްދާގެ (ނ) (ރ) އާއި 11 ވަނަ މާއްދާގެ (ރ) އުނިކުރަން ބިލުގައި ވަނީ ހިމަނައިފައެވެ.