ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، ޓެންޒެނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
މެޑަމް ސާޖިދާގެ އެ ދަތުރުފުޅަކީ މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީގެ 11 ވަނަ އަހަރީ ކޮންފަރެންސްގެ ޝަރަފުވެރި މެހުމާންގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ. އެކަމަނާ ޓެންޒޭނިއާއަށް ވަޑައިގެންނެވީ މިދިޔަ އާދީއްތަ ދުވަހުއެވެ.
އެ ދަތުރުފުޅުގެ ރަސްމީ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން، ފަސްޓް ލޭޑީސްގެ މަތީފަންތީގެ ޕެނަލްގައި ކީނޯޓް ތަގުރީރު ދެއްވުމުގެ އިތުރުން، މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނީޝިއެޓިވް ކޮމިޓީ ބައްދަލުވުމުގައި މެޑަމް ސާޖިދާ ވަނީ ވާހަކަފުޅުދައްކަވައިފައެވެ.
ހައިލެވެލް ފަސްޓް ލޭޑީސް ޕެނަލްގެ ޝަރަފުވެރި މެހުމާންގެ ހައިސިއްޔަތުން ކުރެއްވި ކީނޯޓް ތަގުރީރުގައި ސާޖިދާ ވަނީ، މެރކް ފައުންޑޭޝަނުން ކުރިއަށްގެންދާ "މޯ ދޭން އަ މަދާ" ކެމްޕެއިން ހަރަކާތްތަކަށް ތައުރީފުކުރައްވައިފައެވެ. އަދި ދަރިމައިވުމުގެ މައްސަލައަކީ ރާއްޖޭގައި އަދިވެސް ވަރަށް ހައްސާސް ކަމެއް ކަމަށާއި އެއާއެކުގައިވެސް އަންހެނުންނަކީ މުޖުތަމައު ބިނާކުރުމުގެ ބޮޑު ޒިންމާއެއް ކޮނޑުގައި އަޅައިގެން އުޅެމުންދާ ބައެއް ކަމަށް އެކަމަނާ ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ރައީސް އޮފީހުން ބުނެފައިވަނީ، މެޑަމް ސާޖިދާ ވަނީ، "މޯ ދޭން އަ މަދާ" ކެމްޕެއިން ރާއްޖެއަށް ތައާރަފުކުރެއްވުމަށް ބޭނުންފުޅުވާ ކަމަށާއި އެ ކެމްޕެއިންގެ ސަބަބުން ދަރިމައިވުމާ މެދު މުޖުތަމައުގެ ވިސްނުން މިހާރު ހުރި ގޮތް ބަދަލުވެ، ހިތްދަތިކަން ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވެފައި ކަމަށެވެ. އޭގެ އިތުރުން ކެންސަރުން ރައްކާތެރިވުމާއި ފަރުވާ ދިނުމާއި ތައުލީމު ކުރިއެރުވުމާއި އެންމެންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުން ފަދަ މުހިންމު ކަންކަމުގެ މައްޗަށްވެސް އެކަމަނާގެ ތަގުރީރުގައި އަލިއަޅުއްވާލެއްވި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީއަކީ، ސިއްހީ ދާއިރާގެ ފަންނީ ތަޖުރިބާކާރުންނާއި، ސިޔާސަތު ކަނޑައަޅާ މީހުންނާއި، ދާރިސުން އެއްތަނަކުން ބައްދަލުވެ، އަންހެނުން ބާރުވެރިކުރުވުމާއި، ބަލިތައް މެނޭޖުކުރުމާއި، އެފްރިކާ އާއި އޭޝިއާގައި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް އަތްފޯރާފަށަށް ގެނައުމުގެ މަސައްކަތް ފުޅާކުރުން ފަދަ މައުޟޫއުތަކަށް މަޝްވަރާކުރާ އަހަރީ ކޮންފަރެންސެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު