އަންނަ އަހަރަށް ފާސްކުރަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ބަޖެޓުގައި ރަހުމަތްތެރި ގައުމުތަކުން ހިލޭ އެހީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ލަފާކޮށްފިއެވެ.
ބަޖެޓުގައި ސަރުކާރުން ލަފާކޮށްފައިވާ ގޮތުން ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 2.6 ބިލިއަން ރުފިޔާ ލިބޭނެއެވެ. އޭގެ ތެރެއިން ރަހުމަތްތެރި ގައުމުތަކުން ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 2.2 ބިލިއަން ރުފިޔާއެވެ.
ހިލޭ އެހީ ލިބޭނެ ކަމަށް ލަފާކޮށްފާ ގައުމުތަކުގެ ތެރެއިން އިންޑިއާ އިން ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 1.6 ބިލިއަން ރުފިޔާއެވެ. އެއީ ހިލޭ އެހީގެ ގޮތުގައި ރަހުމަތްތެރި ގައުމުތަކުން ލިބޭނެ ކަމަށް ލަފާކުރި އަދަދުގެ 72 ޕަސެންޓެވެ.
ބަޖެޓު ހުށަހެޅިއިރު، ޗައިނާއިން ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 502 މިލިއަން ރުފިޔާއެވެ.
ރަހުމަތްތެރި ގައުމުތަކުން ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ އަދަދު:
- ޖަޕާނުން: 47 މިލިއަން
- އަބޫދާބީ ފަންޑް: 45 މިލިއަން
- ނެދަލެންޑްސް: 13 މިލިއަން
- ޕާކިސްތާން: 10 މިލިއަން
- ސަރުކާރުގެ އިދާރާތަކުން: 5.9 މިލިއަން
- ސައުދީ އަރަބިއާ: 1 މިލިއަން
- އިޓަލީ: 83،556 ރުފިޔާ
ޖަމިއްޔާ، ޖަމާއަތްތަކުން ވެސް 336 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ އޭޑީބީ އަދި ވޯލްޑް ބޭންކުންނެވެ. އެގޮތުން އެޑީބީން 109 މިލިއަން ރުފިޔާ އަދި ވޯލްޑް ބޭންކުން 163 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު