ރާއްޖެއަށް ޑިޖިޓަލް ކަރަންސީ ތައާރަކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމުގެ މަސައްކަތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފަށައިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފަޅު ދައްކަވަމުން ރައީސް މިއަދު ވިދާޅުވީ އެ މަނިކުފާނުގެ އަމާޒަކީ ރާއްޖޭގެ އިގުތިސޯދުގެ ޖީޑީޕީގެ 15 ޕަސަންޓަކީ ޑިިޖިޓަލް އިކޮނޮމީއަށް ހެދުން ކަމަށެވެ. އަދި ވިދާޅުވީ އެކި އަމާޒަށް ވާސިލުވުމަށްޓަކައި ކްރިޕްޓޯ ނުވަތަ ޑިޖިޓަލް ކަރަންސީ ތައާރަފުކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.
"އެކަމުގެ އަމަލީ މަސައްކަތްތައް އެމްއެމްއޭގެ ގަވަރުނަރު މިހާރު ފަށައިފި. ކްރިޕްޓޯ ކަރަންސީ، ޑިޖިޓަލް ކަރަންސީ ރާއްޖެއަށް ގެނައުމަށް އޭގެ ހުރިހާ ގާނޫނީ ކަންތައްތަކަށްވެސް ފަރުވާ ލިބޭގޮތަށް ހާއްސަ ގާނޫނު ހަދައިގެން އަދިވެސް ދެން ހުންނަ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިކްސްތަކާ އެއްގޮތަށް ރާއްޖޭގައި ޑިޖިޓަލް ކަރަންސީ ފުޅާކުރުމަށް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޑިޖިޓަލް ކަރަންސީ ތައާރަފުކުރުމުން ތައުލީމު ހާސިލުކޮށްގެން އަމަލީ މައިދާނަށް ނުކުންނަ ޒުވާނުންނަށާއި އެކިއެކި ފަންނުވެރިންނަށް އިގުތިސޯދީ މަސައްކަތް ކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ.
ރާއްޖެއަކީ ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރައިފައިވާ ގައުމުކަށް ހެދުމަކީ ވެސް އަމާޒެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ރާއްޖެއަކީ އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ދުނިޔޭގެ މައިދާނުގައި އެންމެ ކުރީ ސަފުގައި ހިމެނޭ ގައުމަށް ހެދުމަކީ އެ މަނިކުފާނުގެ އަމާޒެއް ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު