ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އާ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު ޝަރީފް އައްޔަންކޮށްފިއެވެ.

ބީއެމްއެލުން މިއަދު ބުނީ މިއަދު ބޭއްވި އެ ބޭންކުގެ ހާއްސަ އާންމު ޖަލްސާގައި ސަރުކާރުގެ ފަރާތުން ބޭންކުގެ ބޯޑަށް އައްޔަންކުރާ މެންބަރެއްގެ ގޮތުގައި ޝަރީފް ބީއެމްއެލް ބޯޑަށް އައްޔަންކޮށްފައިވާ ކަމަށެވެ. މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝަރީފް އައްޔަންކުރީ ހާއްސަ އާންމު ޖަލްސާއަށް ފަހު އޮތް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑު ބައްދަލުވުމުގައި ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލްގެ އެމްޑީގެ ގޮތުގައި މިއަދު އައްޔަންކުރި ޝަރީފަކީ އެ ބޭންކުގެ ސީއީއޯއެވެ. އޭނާ ސީއީއޯގެ މަގާމަށް އައްޔަންކޮށްފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. ޝަރީފަކީ ބީއެމްއެލްގެ ފުރަތަމަ ދިވެހި ސީއީއޯއެވެ.

ޝަރީފަކީ މާލީ ދާއިރާގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި އެގްޒެކްޓިވް އަދި ބޯޑު ލެވަލްގައި ހަތް އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާވެސް ހޯއްދަވާފައިވެއެވެ.

ބީއެމްއެލުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، އެ ބޭންކުގައި މަސައްކަތްކުރެއްވި މުއްދަތުގައި ޝަރީފް ވަނީ ބޭންކުގެ ހިންގުން ޒަމާނީކުރުމަށާއި ބޭންކުން ހޯދާފައިވާ ކާމިޔާބީގައި ވަރަށް މުހިއްމު ދައުރެއް އަދާކޮށްދެއްވާފައި ކަމަށެވެ.

އެގޮތުން ޝަރީފް ވަނީ ކޯ-ބޭންކިން ސިސްޓަމްތައް ގާއިމުކުރުމާއި ޑެބިޓް އަދި ކްރެޑިޓް ކާޑު ތައާރަފުކުރުމާއި ބޭންކުގެ ހިދުމަތްތައް ޑިޖިޓަލް ކުރުމަށް ކުރެވުނު މަސައްކަތުގެ ދަށުން އިންޓަނެޓް އަދި މޮބައިލް ބޭންކިން، ސެލްފް ސާވިސް ބޭންކިންގެ އިތުރުން އީކޮމާސް ޕޭމަންޓް ގޭޓްވޭ ތައާރަފުކުރުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ. އެ ހިދުމަތްތަކާއެކު ބޭންކުގެ މާލީ ހަލާތު ހަރުދަނާވެ، ހިދުމަތުގެ ފެންވަރު ރަނގަޅުވެ ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމަށް މަގުފަހިވެގެން ދިޔަ ކަމަށް ބީއެމްއެލުން ބުނެފައިވެއެވެ.

ބޭންކަށް ހިދުމަތްކުރެއްވި މުއްދަތުގައި ޝަރީފް ވަނީ ބޭންކުގެ ސްޓްރެޓެޖީ ހާސިލުކުރުމަށް ކުރެވުނު މުހިންމު މަސައްކަތުގެ އިސް މޭސްތިރިއެއްގެ ދައުރު އަދާކުރައްވާފައި ކަމަށާއި އެގޮތުން ބޭންކުގެ މުހިންމު ޑިޕާޓްމަންތަކެއް ކަމަށްވާ އިސްލާމިކް ބޭންކިން، ޓެކްނޮލޮޖީ، މާކެޓިން، ރީޓެއިލް ބޭންކިން އަދި އޮޕްރޭޝަންސް ހިންގެވުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ކަމަށް ބީއެމްއެލުން ބުނެފައިވެވެ.

ޝަރީފް ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް މެންޗެސްޓާ އިން އެމްބީއޭ ހާސިލުކުރައްވައިފައެވެ. އޭގެ އިތުރުން ލަންޑަން ބިޒްނަސް ސްކޫލް އިން ސީއީއޯ އިންނާއި ސީނިއާ އެގްޒެކްޓިވުންނަށް ފަރުމާކޮށްފައިވާ "ސީނިއާ އެގްޒެކްޓިވް ޕްރޮގްރާމް" ވެސް ފުރިހަމަކުރެއްވިއެވެ. ޝަރީފް ވަނީ 2018 އިން 2020 އަށް އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ވައިސް ޗެއާމަންގެ މަގާމު އަދާކުރައްވައިފައެވެ.

ބީއެމްއެލުން ވަކިވެވަޑައިގަތުމަށްފަހު ޝަރީފް ވަނީ އެގްޒެކްޓިވް މަގާމުތަކާއި ކޮންސަލްޓެންޓެއްގެ ގޮތުގައި ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރައްވައިފައެވެ.