ރާއްޖޭގެ މައި އެއާޕޯޓް ވެލާނާ އިންޓަނޭޝަން އެއާޕޯޓުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް ނުނަގަން ހުށަހެޅި އިސްލާހު ބޭރުކޮށްލައި، އެއާޕޯޓް ޓެކްސްތައް ބޮޑުކުރުމަށް، ރާއްޖޭގެ އެއާޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.
ބިލްގައި ހުށަހަޅާފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ އެކައުން ފެށިގެން ޑިޕާޗާ ޓެކްސް އާއި އެއާޕޯތް ޑިވެލޮޕްމަންޓް ފީ ބޮޑު ކުރުމަށެވެ.
އިކޮނޮމިކް ކްލާހުން ދަތުރުކުރާ ދިވެހިންގެ އަތުން މިހާރު ވެސް ނަގަމުން އަންނަ 12 ޑޮލަރު ނަގާ ގޮތަށް އޮތް ނަމަވެސް ބިދޭސީން އަތުން ނަގަމުން އަންނަ 30 ޑޮލަރު، 50 ޑޮލަރަށް ބަދަލުކުރަން ބިލްގައި ވަނީ ހިމަނައިފައެވެ. އަދި ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީން އަތުން މިހާރު ނަގަމުން އަންނަ 60 ޑޮލަރު، 120 ޑޮލަރަށް ބޮޑުކުރަން ވަނީ ހިމަނައިފައެވެ. އަދި ފަސްޓް ކްލާސްއިން ދަތުރުކުރާ ފަރާތްތަކުން ނަގާ 90 ޑޮލަރު، 240 ޑޮލަރަށް ބޮޑުކުރަން ވަނީ ހިމަނައިފައެވެ. ޕްރައިވެޓް ޖެޓުން ނަމަ 480 ޑޮލަރު ނަގަން ވެސް ވަނީ ހުށަހަޅައިފައެވެ.
ނަމަވެސް މުޅި މަޖިލީހުގެ ކޮމިޓީ ވަގުތުގައި މި ބިލަށް އިސްލާހު ގެނައުމުގެ ގޮތުން ވެލާނާ އިންޓަނޭޝަން އެއާޕޯޓު ފިޔަވައި ދެން ހުރި އެއާޕޯޓްތަކުން ޓެކްސް ނުނަގާ ގޮތަށް އިސްލާހު ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލްއެވެ. ތާއީދު ކުރެއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއެވެ.
ބައްދަލުވުމުގައި ތިއްބެވި 80 މެންބަރުންގެ ތެރެއިން އެ އިސްލާހު ފާސްކުރަން ވޯޓު ދެއްވީ އެންމެ 11 މެންބަރުންނެވެ. ނުފެންނަ ކަމަށް 67 މެންބަރުން ވޯޓު ދެއްވިއެވެ.
އެހެންމަކަން ސަރުކާރުން ފޮނުވި ގޮތަށް މުޅި ބިލް މަޖިލީހުން ފާސްކުރަން ވޯޓަށް އެހިއެވެ. ބަދަލެއް ނުގެނެސް ބިލް ފާސްކުރީ ބައްދަލުވުމުގައި ތިއްބެވި 76 މެންބަރުންގެ ތެރެއިން 67 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލް ފާސް ނުކުރަން އެމްޑީޕީގެ 11 މެންބަރުން ވޯޓު ދެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު