އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އޭނާގެ ޓޯނީ ސްޓާކް ކެރެކްޓަރު އަލުން މާވެލްއިން އުފައްދައިފިއްޔާ ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ރޮބާޓް ޑައުނީ ޖޫނިއާ ބުނެފިއެވެ.

'އޮން ވިތް ކާރާ ސްވިޝަރ' ޕޮޑްކާސްޓްގެ ފަހުގެ އެޕިސޯޑެއްގައި، އޮސްކާ ކާމިޔާބުކޮށްފައިވާ މި އެކްޓަރު ބުނެފައިވަނީ އޭނާގެ އޭއައި ހެދުމަށް ހުއްދަދޭ 'ހުރިހާ އެގްޒެކެޓިވުންނާ ދެކޮޅަށް މައްސަލަ އުފުލާނެ' ކަމަށެވެ. އަޔަން މޭންގެ ދައުރާ ބެހޭގޮތުން ވާހަކަދައްކަމުން، ރޮބާޓް ބުނެފައިވަނީ އޭނާގެ ސިފަ އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އަލުން އުފެއްދުމަށް އޭނާ ބޭނުން ނުވާކަމަށެވެ.

'އަހަރެންގެ ކެރެކްޓަރު ވަގަށް ނަގާނެކަމާމެދު އަހަރެން ކަންބޮޑެއް ނުވަން. އެއީ އެތާ (މާވެލް ސްޓޫޑިއޯގައި) ހުރިހާ ނިންމުމެއް ނިންމަނީ 3 ނުވަތަ 4 ފިރިހެނުންނާއި އަންހެނުން ކަމަށްވާތީ، އަދި އަހަރެން ހުއްދަދިނަސް ނުދިނަސް އެމީހުން އަހަރެންނަށް އެކަހަލަ ކަމެއް ނުކުރާނެ،' ރޮބާޓް ބުންޏެވެ.

އެކަމާ ގުޅިގެން ވަގުތު އައިސް ޖެހުމުން އެ އެގްޒެކެޓިވުން ވެސް ބަދަލުވެދާނެކަމަށް ކާރާ ބުނުމުން ރޮބާޓް ބުނެފައިވަނީ އެކަމެއް ކުރާ ބަޔަކާމެދު ފިޔަވަޅު އަޅާނެކަމަށެވެ. އެއީ ކުރިއަށް އަންނަން ތިބި އެގްޒެކެޓިވްސް ކަމުގައި ވިއަސްމެއެވެ. އޭނާ މަރުވުމަށްފަހުވެސް އޭނާގެ ގާނޫނީ ޓީމުން އެ މައްސަކަލަ ނަގާނެކަމަށް ރޮބާޓް އިތުރަށް ބުނެފައިވެއެވެ.

މި މަޝްވަރާތައް ކުރިއަށްދަނީ ހޮލީވުޑްގެ ވީޑިއޯ ގޭމް ޕާފޯމަރުންގެ މުޒާހަރާއެއްގެ ތެރޭގައެވެ. މި މުޒާހަރާ ފެށުނީ ޖުލައި މަހުއެވެ. މިއީ 18 މަސްދުވަހަށްވުރެ ގިނަ ދުވަހު ގޭމް އިންޑަސްޓްރީގެ ބޮޑެތި ކުންފުނިތަކާއެކު އިންޓަރެކްޓިވް މީޑިއާ އެއްބަސްވުމެއްގެ މަޝްވަރާތައް ކުރިއަށްދިޔުމަށްފަހު، އާޓިފިޝަލް އިންޓެލިޖެންސް ރައްކާތެރިކަމުގެ މައްސަލަތަކާ ގުޅިގެން މަޝްވަރާތައް ނުނިމި ހުއްޓުމަކަށް އައުމާ ގުޅިގެން ފެށިގެން އުޅޭ މުޒާހަރާއެކެވެ.

ސްކްރީން އެކްޓަރސް ގިލްޑް-އެމެރިކަން ފެޑެރޭޝަން އޮފް ޓެލެވިޒަން އެންޑް ރޭޑިއޯ އާޓިސްޓްސް (އެސް.އޭ.ޖީ-އެފްޓްރާ)ގެ ލީޑަރުން މި މަސައްކަތުގެ ޚިލާފުގެ ފަހަތުގައިވާ މައްސަލަތައް - ހާއްސަކޮށް އޭ.އައި - ބަލައިގަނެފައިވަނީ ޕާފޯމަރުންނަށް ދިމާވެފައިވާ ވުޖޫދީ ހަލާކެއްގެ ގޮތުގައެވެ. މޫވީ ސްޓޫޑިއޯތަކުން އޭއައި ބޭނުންކުރާނެ ގޮތާމެދު ކަންބޮޑުވުންތަކަކީ މިދިޔަ އަހަރު ޔޫނިއަންގެ ފިލްމާއި ޓެލެވިޒަން ހުއްޓުވުންތަކަށް މަގުފަހިކުރި ކަމެކެވެ. އެ ހުއްޓުވުން ދެމިގެންދިޔައީ ހަތަރު މަސްދުވަހުގެ މުއްދަތަށެވެ. އެސް.އޭ.ޖީ-އެފްޓްރާ އިން އެންމެ ފަހުން ސޮއިކުރި އެއްބަސްވުމުގައި އެކްޓަރުންގެ ޑިޖިޓަލް ކޮޕީތައް ބޭނުންކުރާއިރު އެކްޓަރުންގެ އިންފޯމްޑް ކޮންސެންޓް ހޯދަން ޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ.