އެއްދުވަހުން 1069 ވޯކްވިސާ ދޫކޮށްފިއެވެ.

އިމިގްރޭޝަނުން އިއްޔެ ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނާއި ކަމާ ގުޅުންހުރި އިދާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅިގެން ގަވާއިދާ އެއްގޮތަށް ބިދޭސީންގެ ވިސާގެ ކަންކަން ފުރިހަމަ ކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

އެގޮތުން، އިމިގްރޭޝަނުގެ ތާރީހުގައި އެއްދުވަހުން އެންމެ ގިނައިން ވޯކްވިސާ ދޫކުރީ އިއްޔެ ކަމަށެވެ. އެއީ 1069 ވޯކް ވިސާކަމަށެވެ.

އިއްޔެ އިން ފެށިގެން ވޯކްވިސާއަށް އެދި ޕާސްޕޯޓު ހުށަހެޅުމުގައި ވޯކްވިސާއަށް އެދިލައްވާ ފަރާތްތަކުން އެޕޮއިންޓްމަންޓް މެދުވެރިކޮށް ވޯކްވިސާއަށް އެދި ހުށަހަޅާއިރު "އެންޓް ކިއު" މެދުވެރިކޮށް ޓޯކަންއެއް ނަގަންޖެހެ އެވެ.

ޓޯކަން ދޫކުރާ ވަގުތަކީ ހެނދުނު 8:30 އިން 11:00 އަށެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ހޯމް މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި"ގެ ދަށުން އެންމެ ފާހަގަކުރެވޭ އެއް ކަމަކީ ގިނަ ބިދޭސީން "ފްރީ ވިސާ"ގައި ރާއްޖެ އައިސް މަސައްކަތްކުރުން ކަމަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޝްރަފް މުހައްމަދު އަލީ ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައެވެ. އަޝްރަފު ވިދާޅުވީ ޒިންމާވާނެ ފަރާތެއް ނެތި "ފްރީ ވިސާ"ގައި ރާއްޖޭގައި ގިނަ ބިދޭސީންތަކެއް މަސައްކަތްކުރަމުންގެންދާ ކަމަށެވެ.

"މައުލޫމާތު ނަގާއިރު ނަމާއި ގައުމު އޮޅުންފިލުވާއިރު، ވަރަށް ގިނަ ފަރާތްތަކުގެ ޖަވާބެއް އެއީ ފްރީ ވިސާގައި ކަމަށް. ފްރީ ވިސާއޭ ނުވަތަ އޯޕަންވިސާއޭ. ވަރަށް ބޮޑު ގްރޫޕެއް އެބައުޅޭ ޒިންމާވާނެ ފަރާތެއްނެތި. ރާއްޖޭގެ ގާނޫނާއި ގަވައިދުގައި ދެނެގަންނަ ޓާމެއް ނޫން މިއީކީ" އަޝްރަފު ވިދާޅުވިއެވެ.