ރާއްޖޭގައި "މޯ ދޭން އަ މަދާ" ކެމްޕޭން އިފްތިތާހުކުރެވުމުން ދަރިމައިވުމާ މެދު މުޖުތަމައުގެ ވިސްނުން ބަދަލުވެ، ހިތްދަތިކަމަށް އެހީތެރިކަން ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ސާޖިދާ، ޓެންޒޭނިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެކަމަނާ ވަނީ، ސިއްހީ ހިދުމަތާއި އަންހެނުން ބާރުވެރިކުރުވުމާއި ތައުލީމު ކުރިއެރުވުމުގައި ބައިނަލްއަގުވާމީ ފެންވަރުގައި އެއްބާރުލުން ދިނުމުގެ މުހިންމުކަމަށް ވަކާލާތުކުރައްވައި، ވާހަކަފުޅުދައްކަވައިފައެވެ. އެކަމަނާ މިފަދައިން ވަކާލާތު ކުރައްވާފައިވަނީ، މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީ ކޮންފަރެންސްގެ 11 ވަނަ އަހަރީ ބައްދަލުވުމުގައި ބޭއްވި ހައިލެވެލް ފަސްޓް ލޭޑީސް ޕެނަލްގެ ޝަރަފުވެރި މެހުމާންގެ ހައިސިއްޔަތުން ކުރެއްވި ކީނޯޓް ތަގުރީރުގައެވެ.
ރައީސް އޮފީހުން މިއަދު ބުނީ، މެޑަމް ސާޖިދާގެ ވާހަކަފުޅުގައި ވަނީ މެރކް ފައުންޑޭޝަނުން ކުރިއަށްގެންދާ "މޯ ދޭން އަ މަދާ" ކެމްޕެއިން ހަރަކާތްތަކަށް ތައުރީފު ކުރައްވާފައި ކަމަށެވެ. އަދި ދަރިމައިވުމުގެ މައްސަލައަކީ ރާއްޖޭގައި އަދިވެސް ވަރަށް ހައްސާސް ކަމެއް ކަމަށާއި އެއާއެކުގައިވެސް އަންހެނުންނަކީ މުޖުތަމައު ބިނާކުރުމުގެ ބޮޑު ޒިންމާއެއް ކޮނޑުގައި އަޅައިގެން އުޅެމުންދާ ބައެއް ކަމަށް އެކަމަނާ ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އާސަންދަ ޕަބްލިކް ހެލްތު އިންޝުއަރެންސް ސްކީމްގެ ތެރެއިން ފަރުވާ ފޯރުކޮށްދީ، އައިވީއެފް ފަދަ އެސިސްޓެޑް ރިޕްރޮޑަކްޓިވް ޓެކްނޮލޮޖީސް (އޭއާރުޓީ) އިތުރަށް ފަސޭހަކޮށްދިނުމަށް ސަރުކާރުން އިސްނަގައިގެން ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށްވެސް މެޑަމް ސާޖިދާ އަލިއަޅުއްވާލެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ، މެޑަމް ސާޖިދާ ވަނީ، "މޯ ދޭން އަ މަދާ" ކެމްޕެއިން ރާއްޖެއަށް ތައާރަފުކުރެއްވުމަށް ބޭނުންފުޅުވާ ކަމަށާއި އެ ކެމްޕެއިންގެ ސަބަބުން ދަރިމައިވުމާ މެދު މުޖުތަމައުގެ ވިސްނުން މިހާރު ހުރި ގޮތް ބަދަލުވެ، ހިތްދަތިކަން ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވެފައި ކަމަށެވެ. އޭގެ އިތުރުން ކެންސަރުން ރައްކާތެރިވުމާއި ފަރުވާ ދިނުމާއި ތައުލީމު ކުރިއެރުވުމާއި އެންމެންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުން ފަދަ މުހިންމު ކަންކަމުގެ މައްޗަށްވެސް އެކަމަނާގެ ތަގުރީރުގައި އަލިއަޅުއްވާލެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ދުޅަހެޔޮ، ހަމަހަމަ ދުނިޔެއެއް ބިނާކުރުމަށްޓަކައި، މެރކް ފައުންޑޭޝަނާ ގުޅިގެން އިތުރަށް މަސައްކަތްކުރެއްވުމަށް ބޭނުންފުޅުވާ ކަމަށް ވެސް މެޑަމް ސާޖިދާ ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު