ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް 44 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލުކޮށް، މިދިޔަ އަހަރު އެ ފައިސާ ދިން މައްސަލަ ފުލުހަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.
ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަކީ ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހަމީދުގެ ކުންފުންޏެކެވެ.
އާސަންދައިގެ ފަރާތުން ނޯތު ކޯސްޓް ކޮންސްޓްރަކްޝަނާ ހަވާލުކުރީ ހަ ބުރީގެ ހޮސްޕިޓަލެއް އިމާރާތް ކުރުމަށެވެ. ސެޕްޓެމްބަރު، 2016 ގައި ހަވާލުކުރި މި ޕްރޮޖެކްޓުގެ އަގަކީ 61 މިލިއަން ރުފިޔާއެވެ. އެ ޕްރޮޖެކްޓުން ނޯތު ކޯސްޓަށް ތިން ޕަސެންޓް ޕްރޮފިޓް މާޖިންގެ ގޮތުގައި 18.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އޭރު އަންދާޒާކޮށްފައި އޮތެވެ.
އެ ޕްރޮޖެކްޓް ނިންމަން ހަވާލުކުރީ 15 މަސްދުވަހުގެ މުއްދަތަށެވެ. ނަަމަވެސް މަސައްކަތް ކުރިއަށް ނުގޮސް އޮއްވައި ޖޫން، 2017 ގައި ބަޖެޓް މައްސަލަތަކަކާ ހުރެ އާސަންދައިން ޕްރޮޖެކްޓް މަޑުޖައްސާލަން އެންގިއެވެ. އެކަމާ ގުޅިގެން ނޯތު ކޯސްޓަށް ގެއްލުންވި ކަމަށްބުނެ ސަރުކާރާއެކު ހެދި ސެޓްލްމަންޓް އެގްރިމެންޓެއްގެ ދަށުން އެހެން މަޝްރޫއެއް އެ ކުންފުންޏާ ހަވާލުކޮށް، 44 މިލިއަން ރުފިޔާ މިދިޔަ އަހަރު އެ ކުންފުންޏަށް ދޫކޮށްފައިވެއެވެ.
އެ މައްސަލައާ ގުޅިގެން މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދެއްކެވި މެންބަރުން ވިދާޅުވީ ނޯތު ކޯސްޓުން އާސަންދައިގެ އިމާރާތަށް ބޭނުންވާ ސާމާނު ގެނައުމަށް އޯޑަރު ކުރިކަމުގެ އެއްވެސް ލިޔެކިޔުމެއް ފެންނަން ނެތް ކަމަށެވެ. އެހެންކަމުން އެއީ ސްކޭމެއް ކަމަށާއި ނޯތު ކޯސްޓަށް ދިން 44 މިލިއަން ރުފިޔާއަށް ވީ ގޮތެއް ހޯދުމަށް ޖިނާއީ ތަހުގީގެއް ކުރުމަށް ފުލުހުންނަށް ހުށަހަޅައި އެގޮތަށް ފާސްކުރިއެވެ.
ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ހޮވިވަޑައިގަތް މެމްބަރު އަލީ ހަމީދު އެމްޑީޕީއާ ގުޅިވަޑައިގަތީ ވެސް މިދިޔަ އަހަރުއެވެ. ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ޕީއެންސީއާ ގުޅިވަޑައިގަތް އިރު، އެ މެންބަރުންގެ ތެރޭގައި އަލީ ހަމީދު ވެސް ހިމެނިވަޑައިގަންނަވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު