ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ގެންނެވި ފުރަތަމަ ބަދަލުގައި ގޮތުގައި، ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވި ޑރ. އަބުދުﷲ ހަލީލާއި ފިނޭންސް މިނިސްޓަރު ކަމަށް އައްޔަންކުރެއްވި މޫސާ ޒަމީރާއި ހެލްތު މިނިސްޓަރު ކަމަށް އައްޔަންކުރެއްވި އަބުދުﷲ ނާޒިމަށް ރުހުން އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.

އެ ތިން ބޭފުޅުންނަށް ރުހުން ދޭން މިއަދު މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްމެވި މެންބަރުންގެ އިއްތިފާގުންނެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ކެބިނެޓަށް ގެންނެވި މި ބަދަލުތައް ގެންނެވުމުގެ ކުރިން މޫސާ ޒަމީރު ހުންނެވީ ފޮރިން މިނިސްޓަރު ކަމުގެ މަގާމުގައެވެ. ފޮރިން މިނިސްޓަރުކަމުގެ މަގާމަށް އައްޔަން ކުރެއްވި އަބްދުﷲ ހަލީލު ހުންނެވީ ހެލްތު މިނިސްޓުކަމުގެ މަގާމުގައެވެ. އަދި ހެލްތު މިނިސްޓަރުކަމުގެ މަގާމަށް އައްޔަން ކުރެއްވި އަބުދުﷲ ނާޒިމް ހުންނެވީ ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީގެ މަގާމުގައެވެ.

ނަމަވެސް އޭރު ފިނޭންސް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޝަފީގަށް މަގާމެއް ދެއްވައިފައެއް ނުވެއެވެ.