ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބޭ މީހުންގެ މެދުގައި އަލުން ގުރުއަތު ނަގަން ފަށައިފިއެވެ.

މިއަދު ހެނދުނުން ފެށިގެން ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމުގައި ކުރިއަށްދާ ގުރު ނެގުމުގައި، ޕްލޮޓް ހަވާލުކޮށްފައިވާ ފަރާތްތަކާއި ޕްލޮޓް ހަވާލުނުކޮށް ތިބި ފަރާތްތަކާއި ގިރާވަރު ފަޅުން ލިބިފައިވާ ގޯތިތައް ގުޅިފަޅަށް ބަދަލުކުރި ފަރާތްތަކުގެ ގޯތީގެ ގުރުއަތުލުން ވެސް ކުރިއަށްދާނެ ކަމަށް ހައުސިންގް ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން ބުންޏެވެ.

ބިން ލިބޭ ފަރާތުގެ ބަދަލުގައި އެހެން ފަރާތެއް ގުރުއަތުލުގައި ބައިވެރިވާން ބޭނުންވާ ނަމަ ބިން ލިބޭ ފަރާތުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމަކާއި އައިޑީކާޑްގެ ކޮޕީ ގެންދަންވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ގުޅީ ފަޅުން 3520 ގޯތި ދޫކުރަން ވަނީ ހަމަޖައްސައިފައެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި އޭރު ވަނީ ގުރުއަތު ނަގައިފައެވެ. ނަމަވެސް މި ސަރުކާރުން ވަނީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްފައެވެ. އަދި އެ ބަދަލާއެކު ގުޅިފަޅުގެ ގޯތިތަކުގެ ގުރު އަލުން ނެގުމަށް ނިންމިއެވެ.

ހައުސިން މިނިސްޓްރީން މިމަހުގެ 25 ވަނަ ދުވަހުގެ ރޭ ގެޒެޓް ކުރި އިއުލާނެއްގައި ބުނެފައި ވަނީ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ކުރިން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަން ބަދަލުވެފައިވާ ކަމަށެވެ.

  • 1250 އަކަފޫޓުގެ 669 ގޯތި
  • 1650 އަކަފޫޓުގެ 1234 ގޯތި
  • 2050 އަކަފޫޓުގެ 916 ގޯތި
  • 2450 އަކަފޫޓުގެ 473 ގޯތި
  • 2850 އަކަފޫޓުގެ 158 ގޯތި
  • 3250 އަކަފޫޓުގެ 49 ގޯތި
  • 3650 އަކަފޫޓުގެ 21 ގޯތި

މީގެ ތެރޭގައި ގިރާވަރު ފަޅުން ގޯތި ލިބި ގުޅިފަޅަށް ބަދަލުކުރަން އެދުނު މީހުންގެ ވެސް ހިމެނެއެވެ.

މިނިސްޓްރީން ބުނީ ގޯތި ލިބޭ ފަރާތްތަކުގެ ގުރުނަގައި ނިމުމުން، ގޯތިތަކުގެ ރަޖިސްޓްރީ އާއި ބިން ލިބޭ ފަރާތްތަކާއެކުވާ އެއްބަސްވުން ތަކާ ގުޅޭ މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށެވެ.

ކުރީގެ ސަރުކާރުގައި ހުޅުމާލެ 2، ހުޅުމާލެ 3، ގުޅިފަޅު، ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު ބައެއް މީހުންނަށް ރަޖިސްޓަރީވެސް ވަނީ ދޫކޮށްފައެވެ. އެއީ ހުޅުމާލެއިން 1،351 ގޯތި، ގުޅިފަޅުން 2،219 އަދި ގިރާވަރު ފަޅު ހިއްކައިގެން 5،433 ގޯއްޗެވެ.

ގުޅިފަޅުން ދެ ބިލިއަން ރުފިޔާ އަށް 65 ހެކްޓަރު ހިއްކުން ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކުރީ ރައީސް ސޯލިހުގެ ވެރިކަމުގައި އޮކްޓޯބަރު 17، 2019 ގައެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވަނީ ގުޅިފަޅަށް 85 ހެކްޓަރު އިތުރުކޮށް، ދެވަނަ ފިޔަވަހިން 150 ހެކްޓަރު އިތުރު ކުރާށެވެ. އެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.