ސައިބާ އެޓޭކްތަކުންނާއި ރައްކާތެރި ނޫން ލިންކުތަކުން ސަލާމަތްކުރުމަށް ދިރާގުން "ނެޓް ޕްރޮޓެކްޓް" ތައާރަފުކޮށްފިއެވެ.
ދިރާގުން މިއަދު ބުނީ އިންޓަނެޓް ބޭނުންކުރުމުގައި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެ ކުންފުނިން "ނެޓް ޕްރޮޓެކްޓް" ތައާރަފުކޮށްފައިވާ ކަމަށެވެ. މި ހިދުމަތުގެ ސަބަބުން ރައްކާތެރި ނޫން ވެބްސައިޓުތަކާއި ލިންކުތަކުގެ އިތުރުން ސްކޭމް އީމެއިލްތަކާއި ރަނގަޅު ނޫން ވެބްސައިޓްތަކުން ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ މި ހިދުމަތުގެ ސަބަބުން، އެ ވެބްސައިޓް ނުވަތަ އެ ލިންކަކީ ރައްކާތެރި ލިންކެއް ނޫންނަމަ، އެކަން ކަސްޓަމަރުންނަށް އަންގާނެ ކަމަށެވެ. އަދި ކަސްޓަމަރުން ބޭނުންވާނަމަ، ވަކި ކަހަލަ ވެބްސައިޓްތައް ބްލޮކް ކުރުމުގެ އިހުތިޔާރު ވެސް މި ހިދުމަތުގެ ސަބަބުން ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ވަކި ވަގުތުތަކުގައި ވަކި ވެބްސައިޓްތަކަށް ނުވަތަ އެޕްތަކަށް ނުވަދެވޭ ގޮތަށް ވެސް ހެދިދާނެއެވެ. އަދި ކުޑަކުދިންނަށް ފެންނަން ބޭނުންނުވާ ފަދަ އެކި ވެބްސައިޓުތައް ބްލޮކް ކުރެވޭނެ ކަމަށެވެ. މިކަމުގެ ސަބަބުން ބެލެނިވެރިންނަށް ދަރިންގެ ރައްކާތެރިކަން ކަށަވަރު ކުރެވި، އިތުރު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.
ދިރާގުން އިތުރަށް ބުނީ ނެޓް ޕްރޮޓެކް ކަސްޓަމައިޒް ކުރެވޭނީ ޕްރޮޓެކްޓް ޕޯޓަލްއިން ކަމަށެވެ. މި ހިދުމަތް މޮބައިލް އިންޓަނެޓް އަދި ފިކްސްޑް ބްރޯޑްބޭންޑަށް ވެސް ލިބޭނެއެވެ. މި ހިދުމަތް މިހާރު ނަގާ ފަރާތްތަކަށް 30 ދުވަހަށް ހިލޭ ހިދުމަތް ލިބޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.
މީގެ އިތުރުން މިހާރު ދިރާގުގެ ޕޭރަންޓަލް ކޮންޓްރޯލް ސާވިސް ނަގާފައިވާ ފަރާތްތައް ނެޓް ޕްރޮޓެކްޓް އަށް ބަދަލުކޮށްފައިވާ ކަމަށާއި އެ ފަރާތްތަކަށް 50 ޕަސެންޓްގެ ޑިސްކައުންޓެއް މުޅި އަހަރު ދުވަހަށް ލިބޭނެ ކަމަށްވެސް ދިރާގުން ބުންޏެވެ.
މި ހިދުމަތް އެކްޓިވޭޓްކޮށް ބޭނުންކުރުމަށް މޮބައިލް ކަސްޓަމަރުން މަހަކު 35 ރުފިޔާ ދައްކަން ޖެހެއެވެ. އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުން މަހަކު 50 ރުފިޔާ ދައްކަން ޖެހެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު