ދައުލަތުގެ އާމްދަނީ އިތުރުކޮށް ހަރަދު ކުޑަކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ދަށުން ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރާ އިރު، ފަންނީ ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަނުކުރައްވާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ، ދައުލަތުގެ އާމްދަނީ އިތުރުކޮށް ހަރަދުކުޑަކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކާ ބެހޭގޮތުން މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިގެ 10 ޕަސެންޓުން އުނިކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ކުންފުނިތަކުގެ އިންޖިނިއަރުންނާއި، ޕައިލެެޓުން ފަދަ ޕްރޮފެޝަނަލް ކެޓަގަރީތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަނުކޮށް އިސްތިސްނާ ކުރަން ނިންމާފައިވާ ކަމަށެވެ.
"އިންޖިނިއަރުން ކަހަލަ ބޭފުޅުން ބޭތިއްބުން މުހިންމު، އެހެންވީމާ އެފަދަ ޕްރޮފެޝަނަލް ކެޓަގަރީތަކުގެ ސެލަރީ ނުކަނޑާނަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މުސާރަ ކުޑަކުރަން ނިންމާފައިވިޔަސް 12،000 ރުފިޔާއަށްވުރެ ދަށްވާ ގޮތަށް އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަނުކުރާނެ ކަމަށެވެ. ފަންނީ މުވައްޒަފުންގެ ބޭރުން، ބާކީ ތިބި ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ 90،000 ރުފިޔާއަށްވުރެ ބޮޑުވެގެން ނުދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު