ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތިން ރަށެއްގައި އެއާޕޯޓު އެޅުމަށްޓަކައި ބިން ހިއްކުމަށް ހަވާލުކުރި ކޮންޓްރެކްޓަރު، މަސައްކަތް ހުއްޓާލާފައިވުމުން އެ މަސައްކަތް ކުރިއަށްނުދާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ތ. ވިލިފުއްޓާއި ބ. ތުޅާދޫ އަދި ށ. ބިލެތްފަހީގެ އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަޝްރޫއު، މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހަވާލުކޮށްފައިވަނީ ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ، ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ (ސީއެމްސީ)އާ އެވެ. އެ ތިން މަޝްރޫއުގެ ޖުމުލަ އަގަކީ 42.4 މިލިއަން އެމެރިކާ ޑޮލަރު (654 މިލިއަން ދިވެހި ރުފިޔާ) އެވެ. މަސައްކަތް ނިންމަން ދީފައިވަނީ ނުވަ މަސް ދުވަހެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ކޮންޓްރެކްޓަރުގައިވާ ގޮތަށް ސީއެމްސީން އެޑްވާންސް ޕޭމަންޓް ނުލިބެނީސް، އެ ތިން ރަށުގައި ބަންޑް ވޯކް ކުރުމަށް ފަށައި، ބައެއް ރަށްރަށުގައި ބަންޑް ވޯކްގެ މަސައްކަތް ނިމި، މަސައްކަތް ހުއްޓާލާފައިވާ ކަމަށާއި މި ސަރުކާރު ހަވާލުވި އިރުވެސް އެޑްވާންސް ފައިސާ ދައްކާފައި ނުވާ ކަމަށެވެ.
"ކޮންޓްރެކްޓް ބުނާގޮތުން މަސައްކަތް ފަށަން ޖެހެނީ އެޑްވާންސް ޕޭމަންޓު ދައްކާފައި. މި ދެންނެވި ތިން ރަށަކީ ތ. ވިލިފުށި އެއާޕޯޓް އެޅުމާއި ބިން ހިއްކުން، ބ. ތުޅާދޫ އަދި ށ. ބިލެތްފަހީގެ އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަޝްރޫއު. އެ ޕްރޮޖެކްޓުތައް ކުރިއަށްގެންދަން ދަތިވެފައިވަނީ ފައިސާ ދައްކަން ޖެހެނީ ޑޮލަރުން ކަމަށްވުމާއި، އެ ޕްރޮޖެކްޓުތައް ކުރިއަށްގެންދަން އެއްބަސްވެފައިވާ ޕޭމަންޓް ޝެޑިއުލާ އެއްގޮތަށް ފައިސާ ދެއްކުމަށް ބަޖެޓުގައި އަދަދު ހިމެނިފައިނުވާތީ. އެހެންކަމުން މި ދެންނެވި ފަދަ ގޮތަކަށް ވަރަށް ބައިވަރު ޕްރޮޖެކްޓުތައް ފެށިފައި، މޮބަލައިޒްކުރެވިފައިވާކަން ދަންނަވާލަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެތައް ރަށެއްގައި ފަށާފައިވާ ނުވަތަ ކޮންޓްރެކްޓަރު ލައްވައި ބައެއް ސާމާނު ގެންގޮސްފައި، އަދި ބައެއް ހާލަތްތަކުގައި ވަޅުގަނޑެއް އެކަނި ކޮނެފައި ހުރި ޕްރޮޖެކްޓުތައް ވެސް ފެންނަން ހުރި ކަމަށެވެ.
"މީގެ ތެރެއިން ބައެއް ޕްރޮޖެކްޓުތައް ހުރީ ކޮންޓްރެކްޓް ސޮއިކުރެވި، ނަމަވެސް އެޑްވާންސް ޕޭމަންޓު ނުދީ ކޮންޓްރެކްޓަރު ދެ ތިން މުވައްޒަފުންނާއެކު އެކްސްކަވޭޓަރަކާއެކު ރަށަށް އަރައި މަސައްކަތް ފެށިފައިވާކަން ދައްކާ ފަދަ ގޮތަކަށް،" މުއްތަލިބު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ބަޖެޓު ހަދާފައިވަނީ ފަށާފައިވާ ގިނަ މަޝްރޫއުތަކަށް ފައިސާ ނުހިމަނައި ކަމަށާއި އެކަމުގެ ސަބަބުން އެ މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު