ފަލަސްތީން ޓެލެތޯނުން ލިބުނު 1.2 މިލިއަން ޑޮލަރު، އޮގަސްޓް 20ގައި ވާނީ ފޮނުވާފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން, ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގައުމީ ފެންވަރުގައި ކުރިއަށްގެންދިޔަ "ފަލަސްތީނާއެކު ދިވެހިން" ޓެލެތޯނުން ލިބުނު ފައިސާ، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އޭޖެންސީ ފޯ ފަލަސްތީނިއަން ރެފިއުޖީޒް (އަންރުވާ) އަށް އޮގަސްޓް 20 ވަނަ ދުވަހު ފޮނުވާފައިވާ ކަމަށެވެ.
ރާއްޖޭން ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށްޓަކައި ކުރިއަށްގެންދިޔަ ހާއްސަ ޓެލެތޯނު ފެށީ މިއަހަރުގެ ޖޫން 12 ވަނަ ދުވަހުގައެވެ. މީޑިއާތަކާ ގުޅިގެން ޕީއެސްއެމް އިން އެ ޓެލެތޯން ކުރިއަށްގެންދިޔައީ އެ ދުވަހުގެ ހެނދުނު 8:00 އިން އެރޭގެ 12:00 އަށެވެ. އެ ޓެލެތޯނުގައި މާލެ ސަރަހައްދުގައި 13 ފަންޑު ފޮށި ބެހެއްޓިއެވެ.
އެ ޓެލެތޯނުން ލިބުނު ފައިސާގެ ޖުމުލަ އަދަދަކީ 1,248,826.56 (1.2 މިލިއަން) ޑޮލަރެވެ. އެ އަދަދު ވަނީ އޮޑިޓް ފާމެއް ކަމުގައިވާ ކްރޯ މޯލްޑިވްސް އެލްއެލްޕީ އިން ކޮންފާމްކޮށްފައި ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެފަދަ ބޮޑު އަދަދެއްގެ ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ދިވެހި ރައްޔިތުން ހަދިޔާކޮށްފައިވާކަމީ ފަލަސްތީނުގެ މިނިވަންކަމަށް ރާއްޖެއިން ކުރާ ތާއީދާއި، ހާއްސަކޮށް އެފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައި, އެ ގައުމާއި އެ ގައުމުގެ ރައްޔިތުންނާއެކު ސާބިތުކަމާއެކު ދިވެހިން ތިބިކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކާއި ބައިނަލްއަގުވާމީ ގާނޫނާއި އިންޓާނޭޝަނަލް ހިއުމެނިޓޭރިއަން ލޯ އާ ހިލާފަށް ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން، އެކި ޕްލެޓްފޯމުތަކުގައި ތަކުރާރުކޮށް ދަނީ ކުށްވެރިކުރަމުންނެވެ.
މިނިސްޓްރީން ބުނީ ދިވެހި ރައްޔިތުން ހަދިޔާކުރި ފައިސާ ހަރަދުކުރާނެ ކުރު މުއްދަތުގެ އަދި ދިގު މުއްދަތުގެ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓުތަކާ ގުޅޭގޮތުން އަންރުވާއާއެކު ދިވެހި ސަރުކާރުން މިހާރު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކުން އަންރުވާއަށް ފައިސާ ޖަމާކުރިކަމުގެ "ޑެބިޓު އެޑްވައިޒު"ގެ ކޮޕީއާއި "އަންރުވާ ފޯ ފަލަސްތީން" އެކައުންޓަށް ރާއްޖެއިން ފޮނުވި ފައިސާ ލިބިފައިވާކަން ކަށަވަރުކޮށްދީ ޖޭޕީމޯގަން ބޭންކުން ދޫކޮށްފައިވާ ޓްރާންސެކްޝަން ތަފްސީލު ވެސް ފޮރިން މިނިސްޓްރީން ވަނީ ހިއްސާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު