ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، ޓެންޒޭނިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން މިރޭ ބުނީ މެޑަމް ސާޖިދާގެ މި ދަތުރުފުޅަކީ، މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީގެ 11 ވަނަ އަހަރީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގައި ކޮންފަރެންސްގެ މަތީފަންތީގެ ފަސްޓް ލޭޑީސް ޕެނަލާއި މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް ކޮމިޓީ ބައްދަލުވުމުގައިވެސް މެޑަމް ސާޖިދާ ވާހަކުފުޅުދައްކަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިމަހުގެ 29 އިން 30 އަށް ކުރިއަށްދާ އެ ކޮންފަރެންސްގެ 11 ވަނަ ބައްދަލުވުމުގައި އަންހެނުން ބާރުވެރިކުރުވުމާއި ބަލިތައް މެނޭޖްކުރުމާއި އެފްރިކާ އާއި އޭޝިއާގެ އެކި ކަންކޮޅުތަކުގައި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފުޅާކުރުން ފަދަ މައުލޫއުތަކާ ގުޅޭ މުހިންމު މަޝްވަރާތައް ކުރިއަށްދާނެއެވެ.