އާސަންދަ ސްކީމުގެ ދަށުން އެންމެ ގިނައިން ދޫކުރެވޭ 250 ބޭހުގެ އަގު ކޮންޓްރޯލުކުރުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ނިންމައިފިއެވެ.
އެންސްޕާ އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ބަދަލުތައް ގެނައުމަށް ނިންމާފައިވަނީ ދިވެހި ރައްޔިތުންނަށް ރަނގަޅު ފެންވަރުގެ އަސާސީ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ހިންގޭ އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމު، އާސަންދަ ސްކީމަކީ ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެވޭ ނިޒާމަކަށް ހެދުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ދަށުން ކަމަށެވެ.
"މި މަގުސަދުތައް ހާސިލުކުރުމަށްޓަކައި އާސަންދަ ސްކީމުގެ ދަށުން އެންމެ ގިނައިން ދޫކުރެވޭ 250 ބޭހުގެ އަގަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދެވޭ މި ފިޔަވަޅުގެ ތެރެއިން އަގު މުރާޖައާ ކުރެވިފައިވާ 87 ބޭހެއްގެ އަގަށް 1 ނޮވެމްބަރު 2024 އިން ފެށިގެން ބަދަލު ގެނައުމަށާއި، 126 ބޭހެއްގެ އަގަށް 24 ނޮވެމްބަރު 2024 އިން ފެށިގެން ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފައެވެ..،" އެންސްޕާ އިން ބުންޏެވެ.
އެންސްޕާ އިން ބުނީ އަގު މުރާޖައާ ކުރެވޭ ބޭހުގެ ތަފްސީލު، އެ ތާރީހުތަކުން ފެށިގެން އާސަންދަ ކުންފުނީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށާއި އެ ފިޔަވަޅުތަކުގެ ސަބަބުން ކުރިން އަގު ބޮޑުކޮށް ވިއްކަމުންދިޔަ ބޭސްތަކުގެ އަގު ހެޔޮކުރެވި، އާސަންދަ ސްކީމުގެ ހަރަދު ކުޑަކުރެވިގެންދާނެ ކަމަށެވެ. އެގޮތުން ބޭހަށް ކުރާ ހަރަދުގެ ތެރެއިން އަހަރަކަށް ގާތްގަނޑަކަށް 220 މިލިއަން ދިވެހި ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް އެންސްޕާ އިން ބުންޏެވެ.
"މި ބަދަލާ ގުޅިގެން އާސަންދަ ސްކީމު މެދުވެރިކޮށް ރައްޔިތުންނަށް ހިލޭ ބޭސް ލިބިދިނުމުގެ އިންތިޒާމަށް އެއްވެސް ބަދަލެއް ނައިސް، މި ބޭސް ލިސްޓުގައި ހިމެނޭ ބޭސްތަކުގެ ކޮންމެވެސް އެއް ބްރޭންޑެއް އެސްޓީއޯގެ ފާމަސީތައް މެދުވެރިކޮށް އިތުރު އަގަކާ ނުލައި ލިބެން ހުންނާނެކަން ފާހަގަކުރަމެވެ. އަދި އާސަންދަ ސްކީމުގައި ރަޖިސްޓަރީކޮށްފައިވާ އަމިއްލަ ފާމަސީތަކުގެ ތެރެއިން މި ބޭސްތައް ވިއްކުމަށް ރަޖިސްޓާ ކޮށްފައިވާ ފާމަސީތައް މެދުވެރިކޮށް ވެސް އިތުރު އަގަކާ ނުލައި ބޭސް ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އާސަންދަ މެދުވެރިކޮށް ހިދުމަތް ލިބިގަތުމަށްފަހު އެކަމުގެ ރަސީދު ހޯއްދެވުމަށް މި ފުރުސަތުގައި ހަނދުމަފުޅުކޮށް އަރުވަމެވެ..،" އެންސްޕާގެ ބަޔާނުގައި ބުންޏެވެ.
އެންސްޕާ އިން އިތުރަށް ބުނީ އެ ބޭހުގެ ލިސްޓާ ހިލާފަށް ހިދުމަތްދޭ މަރުކަޒަކުން ބޭސް ދޫކުރާކަން ފާހަގަކުރެވިއްޖެ ނަމަ، "ޝިކާވަތު" ޗެޓްލައިން 7951400 އަށް ރިޕޯޓުކުރުމަށް އެދޭ ކަމަށާއި އެކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ނަމަ، އާސަންދައިގެ ހޮޓްލައިން 1400 އަށް ގުޅުމަށް ދަންނަވާ ކަމަށެވެ.
އެންސްޕާ އިން ބޭސްތަކުގެ އަގު ކޮންޓްރޯލުކުރުމަށް ނިންމާފައި މިވަނީ، އާސަންދަ އާއި އެންސްޕާގެ ހިދުމަތްތަކާއި އެ ހިދުމަތްތަކާ ގުޅޭ މައްސަލަތައް ބެލުމަށްފަހު އޭސީސީން "ދިވެހިރާއްޖޭގެ ސިއްހީ ވެލްފެއާ ނިޒާމުގެ ކޮރަޕްޝަން ރިސްކް އެސެސްމަންޓް" އެކުލަވާލައި މިމަހުގެ 10 ވަނަ ދުވަހު އާންމުކޮށްފައިވަނިކޮށެވެ. އެ ރިޕޯޓުގައި އޭސީސީން ވަނީ، ބޭސްތަކަށް ނޭޝަނަލް ޕްރައިޒިން ސްކީމެއް ތައާރަފުކޮށް، އޭގެ ތެރެއިން މެކްސިމަމް ރީޓެއިލް ޕްރައިޒެއް ކަނޑައެޅުން ނުވަތަ ޕްރައިޒް ސީލިންއެއް ކަނޑައެޅުމަށް ލަފާދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު