ފިލިޕީންސްގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި 85 މީހަކު މަރުވެއްޖެއެވެ.

އޮފިޝަލުން ބުނެފައިވާ ގޮތުގައި ތޫފާން ޓްރަމީ، ފިލިޕީންސަށް އަރައި ބޮޑެތި ގެއްލުންތަކެއް އެގައުމަށް ވެފައިވާ އިރު، މިހާތަނަށް 85 މީހަކު މަރުވެ 41 މީހަކު ވަނީ ގެއްލިފައެވެ.

ފިލިޕީންސްގެ ސަރުކާރުގެ އޮފިޝަލުން ބުނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރުމަށް ރެސްކިއު ޓީމުތަކުން ހުއްޓުމެއްނެތި މަސައްކަތް ކުރަމުން އަންނަ ކަމަށާއި ވިއްސާރައިގެ ސަބަބުން އަވަށްތަކުގައި ދިރިއުޅޭ ފަރާތްތަކާ ހަމައަށް ރެސްކިއު ޓީމުތައް ދިއުމަށް ދަތިތަކެއް ހުރި ކަމަށެވެ.

ފިލިޕީންސްގެ ކޯރުތައް ހިމެނޭ ސަރަހައްދުގައި އޮންނަ ޓަލީސޭ އަވަށަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ އިރު، އެ އަވަށުގައި ފިލިޕީންސްގެ ފުލުހުންނާއި ފަޔާފައިޓަރުންގެ އިތުރުން އެގައުމުގެ ޑިޒާސްޓާ ރެސްޕޮންސް ޓީމުތަކުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.

ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ވަނީ، ތޫފާން އެންމެ ބޮޑަށް އެރި އެއް ސަރަހައްދު ކަމަށްވާ އެގައުމުގެ ވެރިރަށް މެނީލާގެ އިރުދެކުނު ސަރަހައްދަށް ވަޑައިގެން އެ ސަރަހައްދުގެ އާންމުންގެ ހާލުބައްލަވައިފައެވެ.

ފިލިޕީންސަށް ތޫފާން ޓްރަމީ އަރައި ފަސް މިލިއަނަށްވުރެ ގިނަ މީހުންނަށް އެ ތޫފާނުގެ ސީދާ އަސަރުކޮށްފައިވާ އިރު، މިލިއަނަކަށްވުރެ ގިނަ މީހުން އިމަޖެންސީ ހިޔާތަކަށް ބަދަލުކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.