ސައުދީ އަރަބިއާ ގައުމީ ޓީމުގެ ކޯޗުކަމުގައި ހުރި ރޮބާޓޯ މަންޗިނީ އެ މަގާމު ދޫކޮށްލުމުން، އަނެއްކާވެސް ގައުމީ ޓީމުގެ ކޯޗުކަން ފްރާންސްގެ ހާވޭ ރެނާޑާ ހަވާލުކޮށްފިއެވެ.
ރެނާޑަކީ މީގެ ކުރިންވެސް ސައުދީ ކޯޗުކަން ކޮށްފައިވާ ކޯޗެކެވެ. އެގޮތުން އޭނާ ވަނީ 2019 ވަނަ އަހަރު ޖުލައި މަހުން ފެށިގެން 2023 ވަނަ އަހަރު މާޗު މަހާ ހަމައަށް ސައުދީގެ ކޯޗުކަމުގައި ހުރެފައެވެ. އެ މުއްދަތުގެ ތެރޭގައި ރެނާޑް އެންމެ ބޮޑަށް ފާހަގަވީ ގަތަރުގައި 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި، އެފަހަރުގެ ޗެމްޕިއަން އާޖެންޓީނާ ބަލިކޮށްލި ކޯޗެއްގެ ގޮތުގައެވެ.
ރެނާޑްގެ ސައުދީން އާޖެންޓީނާ ބަލިކުރި ނަމަވެސް، އެޓީމަށް އެންމެ އެދެވޭ ހިސާބަކަށް ވޯލްޑް ކަޕްގައި ނުދެވުނެވެ. އެހެން ނަމަވެސް، އެ ނަތީޖާއަށް އެތައް ބައެއްގެ ލޯތައް އަމާޒުވެ، ރެނާޑްގެ ވަރުގަދަ ޓީމް ޓޯކަކަށްވެސް ސަމާލުކަން ބޮޑުވެގެން ދިޔައެވެ.
އުމުރުން 56 އަހަރުގެ ރެނާޑް އެފަހަރު ސައުދީގެ ކޯޗުކަން ދޫކޮށްލީ، ފްރާންސް އަންހެން ގައުމީ ޓީމާ ހަވާލުވުމަށެވެ. އޭނާ ވަނީ ފްރާންސް ގައުމީ ޓީމާއެކު 2023 ވަނަ އަހަރު އަންހެން ވޯލްޑް ކަޕްގެ އިތުރު މިއަހަރު އަމިއްލަ ގައުމުގައި އޮތް އޮލިމްޕިކްސްއަށްވެސް ނުކުމެފައެވެ.
ރެނާޑް ސައުދީ ގައުމީ ޓީމު ދޫކޮށްލުމުން އެ މަގާމާ ހަވާލުވީ، އޭގެ ކުރިން އިޓަލީ ގައުމީ ޓީމަށް ކޯޗުކަންކޮށްދިން މަންޗިނީއެވެ. އިޓަލީއާއެކު ޔޫރޯވެސް ކާމިޔާބުކުރި މަންޗިނީ މިދިޔަ އޮގަސްޓް މަހު ސައުދީ ގައުމީ ޓީމާ ހަވާލުވެ، މިހާތަނަށް އޭނާއާ ކުރިމަތިވީ އުނދަގޫ ހާލަތެކެވެ.
މަންޗިނީގެ ނަތީޖާތައް ދަށްކޮށް ފެނިފައިވާ އިރު، ރެނާޑްގެ ފުރަތަމަ ޗެލެންޖަކަށް ވާނީ ނޮމެމްބަރު މަހު އޮންނަ ވޯލްޑް ކަޕް ކޮލިފިކޭޝަން ދެ މެޗެވެ. އެއީ އޮސްޓްރޭލިއާ އަދި އިންޑޮނޭޝިއާއާ ދެކޮޅަށް އޮތް މެޗުތަކެވެ.
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ