ޑޮމެއިން ނަންބަރު ދޫކުރަން ހެދިފައި އޮތް އުސޫލުތައް އިސްލާހު ކުރުމަށްފަހު އަންނަ މަހު އަލުން ނަންބަރު ދޫކުރަން ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.
ބޮޑު އަގުގައި އަދި ނީލަމުގެ އުސޫލުން ވިއްކަމުން ދިޔަ ޑޮމެއިން ނަމްބަރުތައް ވިއްކުން ހުއްޓާލީ ކުރީގެ ސަރުކާރުގައި އޮގަސްޓް، 2023 ގަ އެވެ.
ޓްރާންސްޕޯޓުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަލުން ޑޮމެއިން ހިދުމަތް ދިނުމުގެ މަސައްކަތް ފަށާނީ ރެކޯޑުތައް ބަލަހައްޓައި އަދި މޮނިޓާ ކުރާނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމުގެ އިތުރުން ހަރުދަނާ ގަވާއިދެއް އެކުލަވާލުމަށް ފަހުގައި ކަމަށެވެ.
އެ ބަޔާނުގައި ބުނީ ޑޮމެއިންގެ ހިދުމަތް އަލުން ދިނުމަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ވޭތުވެދިޔަ ތަނުގައި ޑޮމެއިންގެ ރެކޯޑްތައް ހަރުދަނާ ގޮތެއްގައި ބަލަހައްޓާފައި ނެތުން ކަމަށެވެ.
"މިސްޓްރީން މަސައްކަތް ކުރަމުން މިދަނީ މި އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އަލުން ޑޮމެއިންގެ ހިދުމަތް ފަށައި، ދިމާވެފައިވާ މައްސަލައަށް ހައްލު ކުރުމުގެ މަސައްކަތް ފެށުމަށެވެ.'' އެ ބަޔާނުގައިވެއެވެ.
މިނިސްޓްރީން ބުނީ، ޑޮމެއިން ހިދުމަތް ފޯރުކޮށްދިނުމަށް ދޫކުރެވޭ އެންމެހައި ލިޔެކިޔުންތަކަކީ ސެކިއުރިޓީ ފީޗާސްތައް އެކުލެވޭ ލިޔުންތަކަކަށް ބަދަލުކުރާނެ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ކުރިން ވިދާޅުވެފައިވަނީ ޑޮމެއިން ނަމްބަރު ވިއްކުން ހުއްޓާލުމާ ހަމައަށް 1،200 ނަމްބަރު ދޫކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 50 ޕަސެންޓް ނަމްބަރުގައި މައްސަލަތައް ހުރި ކަމަށް މިނިސްޓަރު އޭރު ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު