އަނިޔާވެރި އަމަލުތަކާ ދެކޮޅަށް މަސައްކަތްކުރާ އދ. ގެ ސަބް ކޮމެޓީ އޮފް ޕްރިވެންޝަން އޮފް ޓޯޗާ، އެސްޕީޓީގެ ހަތަރު ވަނަ ދައުރަކަށް، ސްޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އިންތިހާބު ކޮށްފިއެވެ.

އެސްޕީޓީގެ 2025 އިން 2028 މުއަދަތުގެ ދައުރަށް ވެސް ފަނޑިޔާރު ޝުޖޫން އިންތިހާބުކޮށްފައިވާ އިރު، ފުރަތަމަ އެ ކޮމިޓީއަށް އެކަމަނާ އިންތިހާބުކުރީ 2010 ވަނަ އަހަރުއެވެ.

ސްވިޒަލޭންޑްގެ ޖެނީވާގައި ބޭއްވި އިންތިހާބުގައި، ފަނޑިޔާރު އައިޝާ ޝުޖޫން ވަނީ، އިންތިހާބުގައި ވާދަކުރެއްވި ހުރިހާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯއްދަވައިފައެވެ. މި އިންތިހާބު ފަނޑިޔާރު ޝުޖޫން ކާމިޔާބު ކުރެއްވީ، ކޮމިޓީގެ 12 ގޮނޑިއަށް ކުރިމަތިލެއްވި 14 ކެންޑިޑޭޓުންނާ ވާދަކުރައްވައިގެންނެވެ.

ޝުޖޫން ވަނީ 2021 އިން 2024 އަށް އެސްޕީޓީގެ އެއް ދައުރު އަދި 2011 އާއި 2018 އާ ދެމެދު ޖެހިޖެހިގެން އެ ކޮމިޓީގައި ދެ ދައުރު އަދާކުރައްވައިފައެވެ.

އެސްޕީޓީގެ މެންބަރުކަމުގައި ހުންނެވި ތިން ދައުރުގެ ތެރޭގައި ޝުޖޫން ވަނީ ވައިސް-ޗެއާ އޮފް ޖުރިސްޕްރޫޑެންސްގެ މަގާމުގެ އިތުރުން އެސްޕީޓީ ގެ ރެޕަޓުއާކަން ވެސް ކުރައްވައިފައިވެއެވެ.

ރާއްޖެއިން، އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އެގެއިންސްޓް ޓޯޗަރ (އޮޕްކެޓް) ގައި ބައިވެރިވީ މީގެ 19 އަހަރު ކުރިންނެވެ. ރާއްޖެއަކީ އޮޕްކެޓް އުފެއްދުމުގައި ބައިވެރިވި ފުރަތަމަ 20 ގައުމުތަކުގެ ތެރޭގައި ހިމެނޭ އަދި އޮޕްކެޓްގައި ބައިވެރިވެފައިވާ އޭޝިއާގެ ފުރަތަމަ ގައުމެވެ.