ރަޖިސްޓްރީނުކޮށް ހިންގާ ވެބްސައިޓެއް ކަމަށްވާ "ދިޔަވަރު" ނޫހުން ފަތުރަމުންދަނީ ހަގީގަތާ ހިލާފު ހަބަރުތަކެއް ކަމަށާއި އެ ހަބަރުތަކާ މެދު ސަމާލުވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އިލްތިމާސްކޮށްފިއެވެ.

އެމްއެމްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރަޖިސްޓާ ނުކޮށް ހިންގާ މީޑިއާތަކުން ހަގީގަތާ ހިލާފު ހަބަރު ފަތުރައި، ވަކިވަކި ފަރުދުންގެ އަބުރު ރައްކާތެރިކުރުމުގެ ހައްގު ގެއްލޭ ގޮތަށް އެކިއެކި ލިޔުންތައް ޝާއިއުކުރަމުންދާ ކަމަށްބުނެ ގިނަ އަދަދެއްގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އެގޮތުން މިއަހަރު 77 ޝަކުވާއެއް ލިބިފައިވާ އިރު، އޭގެ ތެރެއިން 63 މައްސަލައަކީ "ދިޔަވަރު" ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ލިޔުންތަކާއި ފޮޓޯތަކާ ގުޅޭގޮތުން ހުށަހެޅިފައިވާ ޝަކުވާތައް ކަމަށް އެމްއެމްސީން ބުންޏެވެ.

"އެ ވެބްސައިޓާ ދެކޮޅަށް ހުށަހެޅުނު 61 މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުށަހަޅާފައިވާ ޝަކުވާތައް. އަދި ޕަބްލިކް ސާވިސް މީޑިއާގެ ފަރާތުން އެއް ޝަކުވާއާއި މޯލްޑިވްސް މާކެޓިން ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ފަރާތުން ވެސް ވަނީ އެއް ޝަކުވާ ހުށަހަޅާފައި،" އެމްއެމްސީން ބުންޏެވެ.

"ދިޔަވަރު" އާ ގުޅޭގޮތުން ހުށަހަޅައިފައިވާ އެ މައްސަތައް އެމްއެމްސީގެ ޝަކުވާ ބަލާ ކޮމިޓީން ދިރާސާ ކުރިި އިރު، އެ ވެބްސައިޓުގައި އާންމުކޮށްފައިވާ ގިނަ ކޮންޓެންޓަކީ މީޑިއާ ކައުންސިލްގެ ގާނޫނާއި ގަވާއިދާއި މީޑިއާތަކުން އަމަލުކުރަންޖެހޭ އަހުލާގީ މިންގަނޑާ ހިލާފަށް ޝާއިއުކޮށްފައިވާ ލިޔެކިޔުންތަކެއްކަން ފާހަގަކުރެވިފައިވާ ކަމަށް އެމްއެމްސީން ބުންޏެވެ.

ހަބަރަކާ ގުޅޭގޮތުން އެމްއެމްސީއަށް ޝަކުވާ ހުށަހަޅާއިރު އެއީ ހަގީގަތާ ހިލާފު ހަބަރެއްކަން ސާބިތުކުރުމަށް ހެއްކާއި ލިޔެކިޔުން ހުށަހަޅަން ޖެހޭ ކަމަށާއި ނަމަވެސް ރައީސް އޮފީހުން އެންމެ ޝަކުވާއެއް ފިޔަވައި އެހެން އެއްވެސް ޝަކުވާއަކާއެކު ހެއްކެއް ހުށަހަޅައިފައިނުވާ ކަމަށް އެމްއެމްސީން ބުންޏެވެ.

އެމްއެމްސީން ބުނީ ރަޖިސްޓްރީނުކޮށް ހިންގާ ނޫސްތަކަކީ ވެސް މީޑިއާ ކައުންސިލަށް ރެގިއުލޭޓްކޮށް އެ ގާނޫނުގެ ދަށުން މީޑިއާގެ ގޮތުގައި ބަލައިގެންފައިވާ ނޫސްތައް ކަމަށެވެ. އެހެންކަމުން އެފަދަ ވެބްސައިޓްތަކުގެ މައްސަލައެއް އުޅޭ ނަމަ, އެކަން ބަލައި ފިޔަވަޅު އެޅުމަކީ އެމްއެމްސީއަށް ގާނޫނުން ލާޒިމުކުރާ ކަމެއް ނަމަވެސް އެ ކައުންސިލުގެ ގާނޫނުގެ ތަސައްވުރަކީ މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އެޅުން ނޫން ކަމަށެވެ.

"ރަޖިސްޓްރީނުކޮށް ހިންގާ މީޑިއާތަކުގެ މައްސަލަތައް ބަލާނެ ގޮތެއް ނުވަތަ އެޅޭނެ ފިޔަވަޅުތަކެއް ގާނޫނާއި ގަވާއިދާއި ޝަކުވާ ބެލުމުގެ އުސޫލުގައި ބަޔާންކޮށްފައި ނުވެއެވެ. އަދި ކާކުކަން ނޭނގޭ ގޮތަށް ރަޖިސްޓްރީނުކޮށް ހިންގާ ވެބްސައިޓުތަކަކަށްވާތީ ޝަކުވާ ބެލުމުގައި އަމަލުކުރާ އާންމު އިޖުރާއަތްތަކަށް ވެސް އަމަލު ކުރެވޭނެ ގޮތެއް ނޯވެއެވެ،" އެމްއެމްސީން ބުންޏެވެ.

ޝަކުވާ ބަލާ ކޮމިޓީން "ދިޔަވަރު" ނޫހުގެ އެހެން ލިޔުންތައް ދިރާސާކުރި އިރު، އޭގެ ތެރެއިން ގިނަ ލިޔުންތަކަކީ މީޑިއާ ކައުންސިލްގެ ގަނޫނާއި ގަވާއިދާ މީޑިއާތަކުން އަމަލު ކުރަން ޖެހޭ އަހުލާގީ މިންގަނޑާ ހިލާފަށް ޝާއިއުކޮށްފައިވާ ލިޔުންތައްކަން ފާހަގަކުރެވިފައިވާ ކަމަށް އެމްއެމްސީން ބުންޏެވެ.

އެހެންވެ އެމްއެމްސީން ވަނީ "ދިޔަވަރު" އަކީ ގިނަ އަދަދެއްގެ ހަގީގަތާ ހިލާފު ހަބަރުތައް ފަތުރައި ހަގީގަތަށް ވާސިލު ވާން އެކަށިގެންވާ މަސައްކަތެއް ނުކުރާ އަދި ތެދާއި ދޮގު މަސްހުނިކޮށް ގިނަ އަދަދަކަށް މިސް އިންފޮމޭޝަން މުޖުތަމައު ތެރޭގައި ފަތުރަމުންދާ ވެބްސައިޓެއްކަން ފާހަގަކޮށް އެ ވެބްސައިޓުން ގެނެސްދޭ ލިޔުންތަކާ މެދު ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.