ހުޅުމާލޭގައި މިއަދު ކުރިއަށްގެންދިޔަ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރުއާރު)ގައި ދުވި މީހަކަށް ހާޓް އެޓޭކެއް ޖެހިގެން ފަރުވާ ދޭން ފަށައިފިއެވެ.
"ވަން"އަށް ކަށަވަރުވެފައިވާ ގޮތުގައި ރޭސް ނިންމުމާއެކު، އެމީހާ ވެއްޓިފައިވަނީ ހާޓް އެޓޭކެއް ޖެހިގެންނެވެ. އޭނާއަށް މިވަގުތު ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު، އޭނާގެ ހާލު ކަށަވަރެއް ނުވެއެވެ.
ދިރާގުން މިއަދު ބުނީ ފަސް ކިލޯމީޓަރު ދުވުމުގައި ބައިވެރިވި މީހަކު ދުވުން ނިންމިތަނާ ހޭނެތިގެން ވެއްޓިފައިވާ ކަމަށާއި އެ ވަގުތު އޭނާއަށް ފަރުވާދިނީ، އެ އިވެންޓުގެ ފަސްޓް އެއިޑް ޕާޓްނަރު، މޯލްޑިވްސް ރެޑް ކްރެސެންޓުން ކަމަށެވެ. އޭގެ ފަހުން އިތުރު ފަރުވާއަށް އޭނާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ދިރާގުން ބުންޏެވެ.
މިފަހަރުގެ ޑީއެމްއާރުއާރު ކުރިއަށްދިޔައީ މުޅިން އާ ކެޓަގަރީއަކާއެކުއެވެ. އެއީ އެކި ރިސޯޓުތަކާއި އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޓީމެއްގެ ގޮތުގައި ބައިވެރިވެ، ވާދަވެރި މާހައުލެއްގައި އެކި މުއައްސަސާތައް ތަމްސީލު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ތައާރަފުކުރި އޮފީސް/ރިސޯޓް، 5K ޓީމު އިވެންޓް ކެޓަގަރީއެވެ.
ޑީއެމްއާރުއާރު އަކީ ވޯލްޑް އެތުލެޓިކްސް ސާޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވާލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ. އެގޮތުން މިއަހަރުގެ ރޭހަކީ މި ރޭހުގެ 15 ވަނަ އެޑިޝަނެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން، ޑީއެމްއާރުއާރު 2024 އަކީވެސް ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ ދުވުމެކެވެ. އެ އިވެންޓުގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދިޔައެވެ.
ޚަބަރު
ޚަބަރު
ޚަބަރު