ދިރުވާލައިގެން 108 ކޮކެއިން ބުލެޓް ރާއްޖެ އެތެރެކުރި ގާނާ މީހަކު 12 އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

ގަތަރު އެއާވޭސްގެ ފްލައިޓަކުން ޖޫން 12 ގައި ރާއްޖެ އައި ގާނާގެ އައްޕިއަހް ޖޭމްސް ސްކްރީން ކުރި އިރު، އޭނާގެ ހަށުގަނޑުގައި ކެވިޓީސްތަކެއް ހުރިކަމަށް ފާހަގަކުރެވިގެން، އެކަން ޔަގީން ކުރަން އައިޖީއެމްއެޗަށް ގެންގޮސް ސްކޭން ކުރި އިރު، ފޮރިންބޮޑީސް ހުރި ކަމަށް ދެއްކިއެވެ. އަދި ފުލުހުންގެ ބަންދުގައި ހުއްޓާ އޭނާ އެކި ފަހަރުމަތިން ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން 108 ބުލެޓްގައި 1.4 ކިލޯގެ ކޮކެއިން ހުރި ކަމަށް ތަހުލީލުތަކުން ދައްކާތީ ދައުލަތުން ވަނީ އޭނާގެ މައްޗަށް މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެކުރި ކަމުގެ ދައުވާ އުފުލައިފައެވެ.

އެ ދައުވާއަށް އޭނާ ކޯޓުގައި އިއުތިރާފުވުމުން ވަނީ ދައުލަތާ އެކު އިއުތިރާފު އެއްބަސްވުމެއް ހަދައިފައެވެ.

އިއުތިރާފު އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް އަދަބެއްގެ ގޮތުގައި ކަނޑައެޅީ 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް، 100،000 ރުފިޔާ އިން ޖޫރިމަނާ ކުރުމެވެ.

އައްޕިއަހް ޖޭމްސް ތަހުގީގުގެ މުއްދަތަށް ބަންދުގައި ހަތަރު މަހާއި 10 ދުވަސް ހުރެފައިވާތީ އޭނާގެ މައްޗަށް އިއްވީ 12 އަހަރާއި އެއް މަހާއި 20 ދުވަހުގެ ޖަލު ހުކުމަކާއި 100،000 ރުފިޔާގެ ޖޫރިމަނާގެ ހުކުމެކެވެ.