"ކަލޭމެންނަކަށް ނުވާނެ، ކަލޭމެންނަކަށް ނުވާނެ!"

މިއީ ކުރީން އަބްދުﷲ އަހުޒަމް އަހުމަދު (އައު) އަށް އަބަދުމެ އިވެމުންދިޔަ ވާހަކައެވެ. އޯޓިޒަމް ހުންނަ މީހުންނާ މެދު ދެކޭ ގޮތެވެ. މުޖުތަމައުގެ ކޮށި ވިސްނުމެވެ. އެކަމަކު އެއީ އޭނާ ގަބޫލުކުރި ވާހަކައެއް ނޫނެވެ. މަސައްކަތު މާހައުލެއްގައި މަސައްކަތް ކުރުމަކީ ކުޑައިރުއްސުރެ އޭނާގެ އުއްމީދެކެވެ. އޮފީހުގައި އެއްކޮށް އުޅޭ ރައްޓެހީންނާއެކު މަޖާކުރުމަކީ އެހެން މީހުނެކޭ އެއްފަދައިން އޭނާގެވެސް ހުވަފެނެކެވެ.

"އެއީ ލަންކާއަށް ގޮސްފަ އައިތަނާ، 2014 ވަނަ އަހަރު. އެ ދުވަހު ގުޅާފަ ބުނީ އަނެއް ދުވަހު އިންޓަވިއުއަށް އަންނާށޭ. އޭގެ ފަހުން ވަޒީފާ ލިބުނީ. ކުޑަކޮށް ނާވަސްވެފަ ހުރެވުނީ. އެކަމަކު އެހެން މީހުންނާއެކު މަސައްކަތް ކުރާން ފުރުސަތު ލިބުނީމަ ވަރަށް އުފާވި،"

އައުއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ވަޒީފާ ލިބުނު މީހެކެވެ. އޭރު އައުގެ އުމުރަކީ އެންމެ 18 އަހަރެވެ. މަސައްކަތް ކުރަމުން ދިޔައީ އެ ކުންފުނީގެ ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓުގެ އެސިސްޓަންޓް އޮފިސަރެއްގެ މަގާމު ގައެވެ.

"ކުޑައިރުވެސް މަސައްކަތް ކުރަން ބޭނުންވޭ. އޮފީހުގަ މި ކުރަނީ ޑޮކިއުމަންޓްތައް އެއްތަނުން އަނެއް ތަނަށް ވެރީންގެ ކައިރިއަށް ސޮއިކުރަން ގެންދިއުމުގެ މަސައްކަތް. ވަރަށް ގިނަ ކަންކަން ދަސްވެއްޖެ. ސްކޭން ކުރުމާއި ބޭނުން ނުކުރާ އެއްޗެހި ޝެޑް ކުރުމާއި ރަށްރަށުން އަޅާ ސެލެރީތަކާއި އެއްޗެހި ވެސް ދަސްވެއްޖެ،" އަންނަ ނޮވެމްބަރު މަހު 28 އަހަރު ފުރޭ އައު ހިނިތުންވުމާއެކު ހިތްހަމަޖެހި ހުރެ "ވަން" އަށް ކިޔައިދިނެވެ.

އަންނަ ޑިސެމްބަރަށް އައު ސްޓެލްކޯގައި މަސައްކަތް ކުރާތާ 10 އަހަރުވާނެ ފުރޭނެއެވެ. އަހަރުން ބަލާނަމަ އައުއަކީ މި ވަގުތު އެ ކުންފުނީގެ ފައިނޭންސް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ގިނަ ދުވަސްވީ މުވައްޒަފެކެވެ. އެއީ ދިގު މުއްދަތެކެވެ. ގޮންޖެހުން ބޮޑު ދުވަސްތަކެކެވެ. ނަމަވެސް އެ މުއްދަތުގައި އައު އާ މެދު މުޖުތަމައު ދެކޭ ގޮތް ބަދަލުކުރުވައިފި އެވެ. އޮފީސް މާހައުލުން ގިނަ ކަންކަން ދަސްކޮށްފި އެވެ. އެކަނިވެރިކަން ފިލައި، އާ ރައްޓެހިން ލިބިއްޖެ އެވެ.

"ޖޮބަށް ވަން ފަހުން (އަހަރެމެންނަކަށް ނުވާނެއެކޭ) މީހުން ވަރަށް ނުބުނޭ. ވޯކް ރަނގަޅު ކަމަށް އަންގަނީ. ޑިޕާޓްމަންޓް ސްޓާފުންވެސް އަންގަނީ ވޯކް ރަނގަޅު ކަމަށް،" އައު ބުންޏެވެ.

ސްޓެލްކޯގެ ފައިނޭންސް ޑިޕާޓްމަންޓުގައި އައު މަސައްކަތްކުރާ ރިޕޯޓިން އެންޑް ކޮމްޕްލަޔަންސް ޔުނިޓުގެ ހެޑް، މުހައްމަދު އަމީން އައުއާ ދޭތެރޭ ދެކިވަޑައިގަންނަވާ ގޮތް ކުރުކޮށް ފޮނިކޮށް ސިފަކޮށްދެއްވީ މިގޮތަށެވެ. އެއީ އައު އާއެކު އަމީން ހޭދަކުރެއްވި އެއް އަހަރު ދުވަހުގެ ތެރޭގައި އޭނާއަށް ކުރެވުނު ތަޖުރިބާ އެވެ.

އައު ދޭތެރޭ އަމީން އެހެން ވިދާޅުވީ ސަބަބެއް ނެތިއެއްވެސް ނޫނެވެ. އަމީން ވިދާޅުވި ގޮތުގައި އައުއަކީ ދުވަހުން ދުވަހަށް އޭނާއާ ހަވާލުކުރާ މަސައްކަތް އެ އޮންނަ ވަގުތަށް ނިންމާ މުވައްޒަފެކެވެ. ކަމެއް ހަނދާން ނެތިއްޖެ ނަމަ، އެކަމެއް މުވައްޒަފުންނަށް ހަނދާންކޮށްދެ އެވެ. ފޮލޯއަޕްވެސް ހަދައެވެ. އެހެން މުވައްޒަފުންނާ އެއްވަރަށް މަސައްކަތް ކުރެ އެވެ. އެހެންވެ އައު ވެފައި އޮންނަނީ ޑިޕާޓްމަންޓުގެ ހުރިހާ މުވައްޒަފުންނަށްވެސް މުހިންމު މީހަކަށެވެ.

އަމީން އިތުރަށް ވިދާޅުވި ގޮތުގައި އައުއަކީ އޮފީހަށް ގަޑި ޖެހޭ މުވައްޒަފެއް ނޫނެވެ. ގަޑި ނިމުމުން ވަގުތުން ގެއަށް ދިއުމަކީވެސް އޭނާގެ އާދައެކެވެ. އެއީ އޭނާ ވަގުތަށް ކަމޭހިތާކަމުގެ ހެއްކެކެވެ.

މުޅި ސްޓެލްކޯގައިވެސް އައު އެންމެ ރަނގަޅަށް ދަންނާނެ އެއް ބޭފުޅަކީ ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓުގެ ކުރީގެ ވެރިޔާ އީނާސް އަހުމަދެވެ. އޭނާއަކީ އައު، ސްޓެލްކޯގެ ދޮރާށިން ވަންއިރު އޭނާގެ އަތުގައި ހިފި މެޑަމް އެވެ. އެހެންވެ އީނާސް އަށް އައު ވަރަށްވެސް ހާއްސަ އެވެ. އައު އާއެކު ހޭދަކުރެއްވި ދުވަސްތަކާއި ތަޖުރިބާ އީނާސް އަދިވެސް ދައްކަވަނީ ލޯތްބާއި އިހުތިރާމާއެކު އެވެ.

"ވަޒީފާއަށް އައު ވަންއިރު އެހާ ހޭލުންތެރިއެއް ނޫން. އެކަމަކު އޮފީސް މާހައުލަށް ފެތި، މީހުންނާ ގުޅި މިޒާޖު ފަދަ ކަންކަމަށް ވަރަށް އަވަސް ބަދަލުތަކެއް އައި. އެންމެންގެ ލޯތްބާއި އިހުތިރާމު އައުއަށް ލިބުނު. އައު ވަރަށް އެކްޓިވްވާނެ.،"

ސްޓެލްކޯގެ އިންޓާނަލް އޮޑިޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި މި ވަގުތު ހުންނެވި އީނާސް ވިދާޅުވި ގޮތުގައި އައުއާ ނުލައި އެންމެ ދުވަހަކު ވެސް ފައިނޭންސް ޑިޕާޓްމަންޓުގެ އޮޕަރޭޝަންސް ހިންގުމަކީ ފަޅު ކަމެކެވެ. އެހާވެސް އައުގެ ބޭނުންތެރިކަމާއި މުހިންމުކަން މިއަދު އެ ޑިޕާޓްމަންޓަށް ބޮޑެވެ.

"އައު ނައިސްފިއްޔާ އެންމެ ދުވަހަކުވެސް އެ ބޭފުޅުންނަށް ވޯކްކުރަން، އެ ތަނުގެ އިންޑިވިޖުއަލް ކޮންމެ ކެރެކްޓާއަކަށްވެސް އުނދަގޫވާނެ. އަޅުގަނޑު މިތަނަށް ބަދަލުވި ފަހުން މިހެން ވިޒިޓްކޮށްލަން އަންނާނެ. އައުއަށް މިތަނުގައި 10 މިނެޓު މަޑުނުކުރެވޭނެ މަސައްކަތުގެ ދާއިރާއިން ކޯލްތައް އަންނާނެ. އައުއަށް ވަރަށް ޑިޕެންޑްވެފައި އޮންނަ ވޯކްފޯސްއެއް އެއީ." ފައިނޭންސް ޑިޕާޓްމަންޓުގައި 23 އަހަރު ހިދުމަތް ކުރެއްވި އީނާސް ވިދާޅުވި އެވެ.

މި ސުވާލަށް ޖަވާބުދެއްވަން އީނާސް ވަގުތުކޮޅެއް ނެންގެވި އެވެ. އެއީ އައުގެ ހާއްސަ ސިފައެއް ނެތިގެނެއް ނޫނެވެ. ގިނަ ކަމުންނެވެ. އެގޮތުން އީނާސް ވިދާޅުވި ގޮތުގައި އައު އަކީ މަޖާ ވާހަކައެއް ދައްކާލަން ބޭނުންވާ ނަމަ އެންމެ 'ޕާފެކްޓް' މީހާ އެވެ. ކުޅިވަރު މެޗެއް ބަލަން ދިއުމަށާއި އެކުގައި ވަގުތު ހޭދަކުރާންވެސް ބަރާބަރު މީހެކެވެ.

ނަމަވެސް އެންމެ ހާއްސަ ސިފައެއް ކަމަށް އީނާސް ވިދާޅުވީ މުވައްޒަފުން ދެކެ އައުވާ ލޯތްބެވެ. އެއީ އެހެން މީހުންގެ ފަރާތުން އީނާސަށް ފެނިވަޑައިނުގަންނަވާ ހާއްސަ ސިފަ އެކެވެ.

"އައުއަކީ މުވައްޒަފުން ދެކެ ވަރަށް ލޯބިވާ ކެރެކްޓާއެއް. އެއް ކުއްޖަކު އެންމެ ދުވަހު ނުފެނުނަސް އައު އެ ކުއްޖަކަށް ގުޅާނެ. އެހެން އެއްވެސް ޕާސަނަލިޓީއަކުން އަޅުގަނޑަކަށް އެ ކެރެކްޓާއެއް ނުފެނޭ. އެންމެ ދުވަހަކު ލޯމަތިން ގެއްލިއްޖެޔާވެސް ގުޅާލާފަ އަހާނެ، ކޮބާ މިއަދު ކިހިނެއްވީ؟ އޮފީހަށް ނާންނަނީ ކީއްވެ؟ އަޅުގަނޑު ނުފެނުނަސް އަޅުގަނޑަށްވެސް ފާހަގަވޭ މެސެޖެއް ނަމަވެސް ކޮށްލާނެ. މެޑަމް މާބަލީތަ؟ އެގޮތަށް އައުގެ މެސެޖެއް އަންނާނެ،"

އައު މި ނޫހަށް ދިން އިންޓަވިއު ނިންމާލަމުން ދިނީ މުހިންމު މެސެޖެކެވެ. އެއީ އޭނާ ފަދަ ކޮންމެ މީހަކަށްވެސް އޮފީސް މާހައުލެއްގައި މަސައްކަތް ކުރެވޭނެ ކަމެވެ. ނުކުރެވޭނެއޭ ކިޔައި ބާކީކޮށްނުލުމެވެ.

އީނާސް ވެސް ވިދާޅުވި ގޮތުގައި އައު ކަހަލަ ކޮންމެ ކުއްޖަކަށްވެސް އޮފީސް މާހައުލެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު އެބަ އޮތެވެ. ބޭނުންވަނީ އެ ކުއްޖަކަށް ފުރުސަތު ދީގެން ގެންގޮސް، ހާނުވައިލުމަށްފަހު އެ ކުއްޖަކު ޝައުގުވެރިވަނީ ކޮން ދާއިރާއަކަށްތޯ ބެލުމެވެ.

"މި އުޅެނީ އެންމެ ޕާފެކްޓް ކެރެކްޓާއަކަށްވެސް އެންމެ ރަނގަޅު އައުޓްކަމެއް ނުނެރެވިގެން ދެއްތޯ؟ އަޅުގަނޑަކަށް ނުފެނޭ އައުގެ އެފަދަ އެއްވެސް ކަމެއް ހުރި ސްޓާފެއްގެ ގޮތުގައެއް، އެގޮތަށް އަޅުގަނޑު ބަލައެއް ނުގަންނަން. މިއީ ކޮންމެ ކުއްޖަކަށްވެސް ލިބޭ ވަރަށް ބޮޑު އުއްމީދެއް، މިއީ އަސްލު މިކަހަލަ އެންވަޔަރަމަންޓަކަށް އައިސްފަ ޕާފާމަންސް ދެއްކިދާނެކަން ސާބިތުވާ ހެއްކެއް. މީހުންގެ ތެރޭގައި އުޅެވިދާނެއޭ. އެ ޔަގީންކަން އައުގެ ފަރާތުން ފެނިގެން އެދަނީ އައު މުޅި މުޖުތަމައަށް ވެސް އެ ސާބިތުކޮށްދެނީ ވާނެކަން. ބާކީ ކުރާން ނުޖެހޭކަން"