ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ލިބިވަޑައިގަންނަވާ މުސާރައިގެ 50 ޕަސަންޓު ނުނެންގެވުމަށް ނިންމަވައިފިއެވެ.

އަންނަ އަހަރުގެ ބަޖެޓު ހުށަހަޅާ އިރު، އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަދު ވަނީ ނިންމަވައިފައެވެ. އެގޮތުން މުސާރައާ ގުޅޭ ފިޔަވަޅުތައް ދެ އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ރައީސް ނިންމެވިއެވެ.

ރައީސް އެއް ފިޔަވަޅެއްގެ ގޮތުން ނިންމަވާފައިވަނީ އެ މަނިކުފާނުގެ މުސާރައިގެ 50 ޕަސަންޓް ނުނަގަންވާ ގޮތަށް ދެންނެވުމެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އެހެނިހެން އިނާޔަތްތަކާ ބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާގެ މިހާރުގެ މުސާރައަކީ 100،000 ރުފިޔާއެވެ.

އަބްދުއްރަހީމް، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ދައުލަތުގެ އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށްޓަކައި ރައީސް މުއިއްޒު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިން 10 ޕަސަންޓް ކުޑަކުރެއްވުމަށް ނިންމެވި ނިންމެވުމަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

"..އެއްބާރުލުން ދިނުމުގެ ގޮތުން އަޅުގަނޑުގެ މުސާރައިން %50 ނުނަގާގޮތަށް ނިންމައިފިން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސަށް މިހާރު މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވަނީ 73،125 ރުފިޔާއެވެ. މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތަކުގައި ބައިވެރިވެވަޑައިނުގެންނެވޭތީ، އެހެން މެންބަރުން ގޮތަށް މަޖިލީހުގެ ރައީސަށް ކޮމިޓީ އެލަވަންސެއް ލިބިވަޑައެއް ނުގަންނަވައެވެ.

ރައީސް ވަނީ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި ޝަރުއީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން ދިހަ ޕަސަންޓް އުނިކުރުމަށް ނިންމަވައިފައެވެ.

އޭގެ އިތުރުން ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށްދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުމަށް ރައީސް ވަނީ ނިންމަވައިފައެވެ. މިހާރު ބައެއް ކުންފުނިތަކުގެ މުސާރައިގެ އޮނިގަނޑު އޮތްގޮތުން 100،000 ރުފިޔާއަށްވުރެ ބޮޑު މުސާރައެއް ލިބެއެވެ.

އެކްސްގައި ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެ ފިޔަވަޅުތައް އެޅުމުގައި 12،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ ފަރާތްތައް އިސްތިސްނާކުރާނެ ކަމަށެވެ.