ބޫޓާންގައި ކުރިއަށްދާ ޓީ20 ކުއަޑްރަންގިއުލާ ކްރިކެޓް މުބާރާތުގެ ފައިނަލަށް ދިވެހި ރާއްޖެ ދަތުރު ކޮށްފިއެވެ.
ރާއްޖެ ފައިނަލަށް ދަތުރުކުރީ މިއަދު ކުޅުނު ސެމީ ފައިނަލް މެޗުގައި ހަތް ވިކެޓުން ބޫޓާން ބަލިކޮށްގެންނެވެ. ލީގު ބުރުގައި ރާއްޖެ ބޫޓާން އަތުން ބަލިވި ނަމަވެސް، މިއަދު ވަނީ ރަނގަޅު ކުޅުމަކާއެކު ބޫޓާން ބަލިކޮށްފައެވެ.
މުބާރާތުގައި ރާއްޖޭގެ އިތުރުން އިންޑޮނޭޝިއާއާއި ބޫޓާން އަދި ތައިލެންޑް ވާދަކުރި އިރު، ރާއްޖެ ވަނީ ލީގު ބުރުގައި އިންޑޮނޭޝިއާ ބަލިކޮށްފައެވެ. އަދި އަނެއް ދެމެޗުންވެސް ބަލިވީ ހަނި ގޮތަކަށެވެ.
ބޫޓާންގެ ގެލެފޫ އިންޓަނޭޝަނަލް ކްރިކެޓް ގްރައުންޑްގައި މިއަދު ކުޅުނު މެޗުގެ ޓޮސް ދިމާވީ، ބޫޓާނަށެވެ. އެޓީމުން ބެޓް ކުރަން ނިންމާ، ބެޓިންގައި 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން 122 ލަނޑު ހެދިއެވެ. ރާއްޖެއިން ރަނގަޅަށް އުކި އިރު، އިބްރާހީމް ރިޒާން ވަނީ ތިން ވިކެޓް ނަގައިފައެވެ. އަދި އިބްރާހީމް ނަޝާތު ވަނީ ދެ ވިކެޓް ނަގައިފައެވެ.
ބެޓިންނަށް ނުކުމެ، 18.1 އޯވަރު ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން ރާއްޖެއިން ވަނީ 123 ލަނޑު ހަދައި، މެޗު ކާމިޔާބުކޮށްފައެވެ. އެންމެފަހުން ތައިލެންޑް މެޗުގައިވެސް ހާފް ސެންޗަރީ ހެދި ރާއްޖޭގެ ކެޕްޓަން އަޒްޔާން ފަރުހަތު ވަނީ މިއަދުގެ މެޗުގައިވެސް 52 ބޯޅައިން 51 ލަނޑު ހަދައިދީފައެވެ. އޭގެ އިތުރުން އިސްމާއީލް އަލީ 20 ބޯޅައިން 33 ލަނޑު ހެދި އިރު، އުމަރު އާދަމް ވަނީ 14 ބޯޅައިން 19 ލަނޑު ރާއްޖެއަށް ހަދައިދީފައެވެ.
ރާއްޖެއިން މުބާރާތުގެ ފައިނަލުގައި ނުކުންނާނީ ތައިލެންޑާ ދެކޮޅަށެވެ.
ގައުމީ ކްރިކެޓް ޓީމު
ގައުމީ ކްރިކެޓް ޓީމު
ގައުމީ ކްރިކެޓް ޓީމު