މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތަހުގީގުގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެމެދު ހެދި އެއްބަސްވުމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހުޅުވި އެސްކްރޯ އެކައުންޓަށް، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ޔާމީން ހުޅުވާފައިވާ އެކައުންޓުން ޖަމާކުރި އެއް މިލިއަން ޑޮލަރު އޭސީސީއަށް ދޫނުކުރެވޭނެ ކަަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރީ 10 ޖޫން 2018 ގައެވެ.
އެ އެސްކްރޯ އެއްބަސްވުމުގައިވާ ގޮތުން އެކައުންޓް ހުޅުވާތާ އެއް އަހަރުގެ ތެރޭގައި އެއީ ދައުލަތުގެ ފައިސާކަން ސާބިތުކޮށް ނުދެވިއްޖެ ނަމަ، ޔާމީންގެ އެކައުންޓަށް އަނބުރާ އެ ފައިސާ ޖަމާކޮށްދޭން ޖެހެއެވެ. އެ މުއްދަތު ހަމަވެފައިވަނީ 10 ޖޫން 2019 އަށެވެ.
މި މައްސަލައަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ދައުލަތުން ޔާމީންގެ މައްޗަށް ކުރި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެ މަނިކުފާނުގެ މައްޗަށް ސާބިތުނުވާތީއާއި އެސްކްރޯ އެއްބަސްވުމުގެ މުއްދަތު ހަމަވި ފަހުން އެ މަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާނުކޮށް ހިފެހެއްޓި މައްސަލައިގައި، އެ ފައިސާ ހޯއްދެއްވުމަށް އޭސީސީއާއި ބީއެމްއެލްއާ ދެކޮޅަށް ޔާމީން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައެކެވެ.
ސިވިލް ކޯޓުގައި މި ދައުވާއަށް ޖަވާބުދާރީވަމުން ބޭންކާ ދެކޮޅަށް ދައުވާ ނުކުރެވޭނެ ކަމަށް ބުނެ ބީއެމްއެލް އިން އިޖުރާއީ ނުކުތާއެއް ނެގިއެވެ. ނަމަވެސް އެ އިޖުރާއީ ނުކުތާ ބަލައިނުގަނެ ސިވިލް ކޯޓުން ނިންމީ އޭސީސީގެ އިތުރުން ބީއެމްއެލްގެ މައްޗަށްވެސް ޔާމީނަށް ދައުވާ ކުރެވޭނެ ކަމަށެވެ. ސިވިލް ކޯޓުގެ އެ ނިންމުން ގާނޫނުތަކާ ހިލާފު ކަމަށްބުނެ ބީއެމްއެލް އިން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އިއްޔެގެ އަޑުއެހުމަކީ ހައިކޯޓުގައި ބޭއްވި އެ މައްސަލައިގެ ތިންވަނަ އަޑުއެހުމެވެ.
އިއްޔެގެ އަޑުއެހުމުގައި ވާހަކަދައްކަވަމުން އޭސީސީގެ ވަކީލު ވިދާޅުވީ، އެސްކްރޯ އެކައުންޓުގެ އެއްބަސްވުމަށް ބަލާ އިރު، އޭސީސީއަށް އޮންނަނީ، ގާނޫނީ އަދި ޝަރުއީ އޮނިގަނޑުގެ ތެރެއިން އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާތޯ ނުވަތަ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ނޫންތޯ ބަލައި އެ ފައިސާ ހިފަހައްޓާފައި ބެހެއްޓުން ކަމަށެވެ.
އެ ފައިސާ ބަހައްޓާފައިވާ ޔާމީންގެ ފަރާތުންވެސް އެދިފައިވަނީ އެގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.
"އޭސީސީއަށް މި އޮންނަނީ ފައިސާއާ މެދު ޖިނާއީ ތަހުގީގުން ނިންމާ ނިންމުމެއް ފައިސާ ބެހެއްޓި ފަރާތަށް އެންގުމަށް އޮންނަ އިންސްޓްރަކްޝަނެއް، އެހެންވީމާ ފައިސާ ދޫކުރާށެކޭ ނޫން. އެއީ އޭސީސީއަށް އޮތީ ޖިނާއީ ތަހުގީގުގެ ތެރެއިން ނިންމާ ނިންމުން. ފައިސާ ބެހެއްޓި ފަރާތަށް އަންގަންޖެހޭނެ ކަމަށް، ތަހުގީގުން ނިންމާ ނިންމުމަކީ ފައިސާ ދޭށެކޭ ނޫން ނުވަތަ ހިފައްޓާށެކޭ ނޫން،" އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު