ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ގެނައުމަށްފަހު އެމީހުންގެ ކޯޓާ ފީ އާއި ވާކް ޕާމިޓް ފީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ހުރި ފަރާތްތަކުގެ ލިސްޓު އާންމު ކުރި ފަހުން ދައުލަތަށް ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ބިދޭސީންގެ ފީތައް ނުދައްކާ ފަރާތްތަކުގެ ލިސްޓު އާންމުކުރަން ފެށީ މިދިޔަ ޖޫން މަހުގެ ތިން ވަނަ ދުވަހުއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހްސާން ވިދާޅުވީ، ބިދޭސީންގެ ފީގެ ގޮތުގައި ދައުލަތަށް ނުލިބި 1.7 ބިލިއަން ރުފިޔާ އޮތް ކަމަށާއި ނަމަވެސް މިހާރު ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ.

"މިއަދު މި ވަގުތާ ހަމައަށް ދައުލަތަށް ނުލިބި ވަނީ 703.3 މިލިއަން ރުފިޔާ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ފައިސާ ނުދައްކާ ފަރާތްތައް އިމިގްރޭޝަންގެ އެކްޕެޓް ސިސްޓަމުން ބްލޮކްކޮށް ހިދުމަތްތައް ދިނުން ހުއްޓާލައިފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކަށް ހިދުމަތްދޭނީ ފައިސާ ދެއްކުމުން ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން ވަނީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ސަބަބުން ދިވެހި ޒުވާނުންގެ ވަޒީފާގެ ފުރުސަތުތަކަށް ހުރަސްއެޅުން ހުއްޓުވުމަށްޓަކައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ވިޔަފާރިތައް އޮޑިޓުކޮށް އެފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ނިންމައި އެ މަސައްކަތް ފަށައިފައެވެ. އެގޮތުން، ބިދޭސީން ހިންގާ ގިނަ ވިޔަފާރިތަކެއް ވަނީ ބަންދުކޮށް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓް ކޮށްލައިފައެވެ.

މީގެ އިތުރުން، ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކޮށް، އެމީހުންގެ ދިހަ އިނގިލީގެ ނިޝާންތަކާއި ފޭޝަލް ރިކޮގްނިޝަންއަށް ބޭނުންވާ ބައޮމެޓްރިކް ޑާޓާ އެއްކޮށް، ބިދޭސީން ދެނެގަތުމަށް ވެސް މަސައްކަތް ވަނީ ފަށައިފައެވެ.