އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް މަރުގެ އިންޒާރުދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ، މިނިސްޓަރު ޝަހީމަށް މަރުގެ އިންޒާރު ދީފައިވާ ކަމަށް އެ މުއައްސަސާއަށް ސިޓީއަކުން އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ.

ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެކަމާ ގުޅޭ މައުލޫމާތު ސާފު ކުރުމަށް "ވަން" އިން މިނިސްޓަރު ޝަހީމަށް ގުޅުމުން ވިދާޅުވީ އެކަމާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ހާމަކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ.

ޝަހީމަށް މަރުގެ އިންޒާރު ދީފައިވާ އިރު، ދާދިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ސޯޝަލް މީޑިއާގައި މީހަކު ވަނީ މަރުގެ އިންޒާރު ދީފައެވެ. އެ މައްސަލައިގައި ފުލުހުން ވަނީ މީހަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ވެސް ޖަހައިފައެވެ.