ސިނގިރޭޓާއި ވޭޕްގެ ޓެކްސް ބޮޑުކުރިއަސް، އެ ކަމާބެހާ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒު ނުކުރާނަމަ، އެކަމުގެ މަގުސަދު ހާސިލް ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ވޭޕް އެތެރެކުރުން މަނާކުރާ ތާރީހާ ހަމައަށް، އެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށާއި ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ވޭޕް މަނާކުރާ ހިސާބަށް ދިޔައީ ވެސް ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު ވުޖޫދުގައި އޮވެ، އެ ގާނޫނުގެ ދަށުން ވޭޕް ރެގިއުލޭޓް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަސް ޖެހުމުގެ ސަބަބުން ކަމަށެވެ.
"ވޭޕް ރާއްޖޭގައި ފުޅާވެގެން ފެތުރިގެން ދިޔައީ ވެސް ޓެކްސްއަށް މަކަރު ހަދައި ހެޔޮ އަގުގައި ވޭޕް ލިބޭނެ ގޮތް ފަހި ވެގެންދިޔައީމަ، ބޭރުގެ އެހެން ގައުމުތަކުގައި ވޭޕް ޓެކްސް ކުރަމުން ދިޔައީ ސިނގިރޭޓަށް ކުރާގޮތަށް، ސިނގިރޭޓަށް ކުރަނީ ކޮންމެ ގުރާމަކަށް ވަކިވަރެއް، ވޭޕަށް ކުރަނީ ކޮންމެ މިލިލީޓަރަކަށް ވަކިވަރެއް، ނަމަވެސް ރާއްޖޭގައި އެކަން އެގޮތަށް ނުގެނައުމުގެ ސަބަބުން ވޭޕްގެ ކަންތައް ފެތުރި، ބޮއްސުން ލައިގެން ގޮސް ވަބާއަކަށްވުމާ ހިސާބުން ސަރުކާރުން މިވަނީ މަނާކުރަން ނިންމައިފައި،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ތަފާސްހިސާބަށް ބަލާއިރު، ގިނަ ގައުމުތަކަކީ ދުންފަތް އުފައްދައި ދުންފަތުގެ ޕްރޮޑަކްޓްތައް އުފައްދައި މާކެޓްކޮށް ހަދާ ގައުމުތައް ކަމަށެވެ. ނަމަވެސް ޓެކްސް ބޮޑުކުރުމާ ދިމާލަށް ދާއިރު، ޓެކްސް ބޮޑުކުރުމަށް ބޭނުންވާ މަގުސަދު ހާސިލްވާ މިންވަރާ މެދު ވިސްނަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
"ސިނގިރޭޓް ފޮއްޓަކުން ދެވަނައަށް އެންމެ ބޮޑު ޓެކްސެއް ނަގާ ގައުމަކަށް ރާއްޖެ ބަދަލުވެގެންދާނެ، މި ބަދަލު ގެނައިމަ އަދި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ ބޮޑުވެގެންދާނެ،" ނާޒިމް ވިދާޅުވިއެވެ.
ޓެކްސް ބޮޑުކުރި ނަމަވެސް، ދުންފަތާ ދުރަށް މީހުން ގެންދިއުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން ވަރަށް މުހިއްމު ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
"އެންމެ މުހިއްމު ކަމެއް ކަމަށް ގަބޫލު ކުރަނީ ދުންފަތާ ބެހޭ ގާނޫނުގެ ދަށުން ސަރުކާރުގެ އިދާރާތަކަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން ހަދާފައިވާ ގަވާއިދުތައް ރަނގަޅަށް ތަންފީޒުވެގެން ދިއުން. މިގޮތަށް ތަންފީޒު ވެގެންނޫންނަމަ ސިނގިރޭޓް އަދި އަގު ބޮޑުވުމަކުން މި މައްސަލައަށް ހައްލެއް އަންނާނެ ކަމަކަށް ނުދެކެން. ސަބަބަކީ މީގެކުރިން ދުނިޔޭގެ ބައެއް ގައުމުތަކުގައި ސިނގިރޭޓުގެ އަގު ބޮޑުކުރީމަ ބްލެކް މާކެޓްގައި ސިނގިރޭޓް ދައުރުވުން ގިނަވެ އަގުހެޔޮ ބާވަތްތަކުގެ ސިގިރޭޓް ބާޒާރަށް ނުކުންނަގޮތް ވަނީ މެދުވެރިވެފައި،"
ނާޒިމް ވިދާޅުވީ، ރާއްޖޭގައި ބޭނުންކުރާ ސިނގިރޭޓުގެ ގިނަ ބާވަތްތަކަކީ ވަރަށް ކޮލިޓީ ރަނގަޅު، އަދި އެންމެ ފުންނާބު އުސް ކުންފުނިތަކުން އުފައްދާ ވައްތަރުތައް ކަމަށެވެ. އެހެންކަމުން ސިނގިރޭޓްގެ އަގު ބޮޑުވެގެން ދިއުމުން އަގުހެޔޮ ސިނގިރޭޓްތައް މާކެޓަށް ނުކުމެގެން ދިއުމަކީ ކަންބޮޑުވާންޖެހޭނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
"އެއީ އެފަދަ ދަށް ކޮލިޓީގެ ސިނގިރޭޓްތަކުން ސިއްހަތަށް ވަރަށް ބޮޑަށް ނުރައްކާ ވެގެންދާނެ، އެހެންކަމުން ގަވާއިދުތައް ރަނގަޅަށް ތަންފީޒު ކުރެވެންޖެހޭ. އެ އެއްޗެހި ނުގެނެވޭނެ ގޮތަކަށް ރާވައި، ހަމަ އެއާއެކު ސުމަގްލް ނުކުރެވޭނެ ގޮތްތަކެއްވެސް އެބަޖެހޭ ރާވަން،" ނާޒިމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު