އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އިތުރު ދިހަ ރަށަކުން ނެނގޭނެ ގޮތް ސަރުކާރުން ހަދައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އިތުރު 10 ރަށެއްގެ ކައުންސިލަށް ލައިސަންސް ދޫކުރުމުގެ ހުއްދަ މިހާރު ދީފައިވާ ކަމަށެވެ. އެއީ، ހއ. މޮޅަދޫ ކައުންސިލާއި ހއ. އިހަވަންދޫ ކައުންސިލާއި ހއ. ކެލާ ކައުންސިލާއި ރ. ހުޅުދުއްފާރު ކައުންސިލާއި ބ. ކެންދޫ ކައުންސިލާއި ވ. އަތޮޅު ކައުންސިލްގެ އިތުރުން ފ. ދަރަނބޫދޫ ކައުންސިލާއި މ. ދިއްގަރު ކައުންސިލް އަދި ގދ. ގައްދޫ ކައުންސިލެވެ.

އެއާއެކު ރާއްޖޭގެ 39 ރަށަކުން ޑްރައިވިން ލައިންސަންސް މިހާރު ނެގޭނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން "ސަރުކާރު"ގެ ވެބްސައިޓުގައި ބުނީ އަތޮޅު ތެރޭގައި މަސައްކަތް ކުރާ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ހާއްސަ ތަމްރީން ޕްރޮގްރާމްތަކެއް ބާއްވައިފައިވާ ކަމަށެވެ.

މި ތަމްރީނުތަކުގެ ސަބަބުން، އަތޮޅުތަކުގައި ލައިސަންސް ދޫކުރުމުގެ ހިދުމަތުގެ ފެންވަރު ރަނގަޅުވެ، އިތުބާރުހުރި ގޮތެއްގައި ފޯރުކޮށްދެވޭނެ" ޓްރާންސްޕޯޓުން ބުންޏެވެ.

ރާއްޖޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.