އަންނަ އަހަރަށް އޮޑިޓާ ޖެނެރަލްގެ އޮފީހަށް 114.4 މިލިޔަން ރުފިޔާގެ ބަޖެޓެއް ދޭން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓް މާލިއްޔަތު ކޮމިޓީން ހުށަހެޅި ގޮތަށް ފާސްކޮށްފައިވަނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ގާނޫނު އަސާސީ ބުނާގޮތުން ކުރިއަށް އޮތް ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހެޅުމުގެ ކުރިން އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓް ފާސްކުރަން ޖެހެއެވެ.

އަންނަ އަހަރަށް އޮޑިޓް އޮފީހުން ހުށަހެޅީ 99.5 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ. އެއީ ރިކަރަންޓް އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 80.4 މިލިޔަން ރުފިޔާ އާއި ހުޅުމާލޭގައި ހަދާ އެ އޮފީހުގެ އާ އިމާރާތުގެ މަސައްކަތަށް 19 މިލިޔަން ރުފިޔާއެވެ.

ބަޖެޓް ހެދުމަށް އޮޑިޓް އޮފީހުން މާލީ ވުޒާރާގެ ލަފާ ހޯދާފައިވާ އިރު، އެ އޮފީހުން ވަނީ މުސާރަ ބޮޑުކުރުމަށް ހިމަނާފައިވާ ބަޖެޓު މަދުކުރުމަށް ލަފާ ދީފައެވެ. ނަމަވެސް މާލިއްޔަތު ކޮމިޓީން ނިންމީ އެ ބަޖެޓު ކުޑަ ނުކުރުމަށެވެ.

މާލިއްޔަތު ކޮމިޓީން ބަޖެޓް ދިރާސާކުރުމަށް ބޭއްވި ބައްދަލުވުމުގައި މެންބަރުން ފާހަގަކުރެއްވި ގޮތުގައި މުސާރަ ކުޑަވުމުގެ ސަބަބުން ތަޖުރިބާ ހުރި އޮޑިޓަރުން ލިބުމުގައި ދަތިވާކަމުގެ ޝަކުވާ މީގެ ކުރިން އޮޑިޓް އޮފީހުން މަޖިލީހާ ހިއްސާ ކޮށްފައިވާ ކަމަށެވެ. އެހެންކަމުން، މުސާރަ ބޮޑުކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެ އޮފީހުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް މާލީގޮތުން ދަތިކަން ނާންނަވަރުގެ ބަޖެޓެއް ފާސްކުރަންޖެހޭ ކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ.

މާލިއްޔަތު ކޮމިޓީގައި މެންބަރުން ވަނީ އޮޑިޓް އޮފީހުން ހުޅުމާލޭގައި ހަދާ އާ އިމާރާތަށް 19 މިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހެޅި ނަމަވެސް މަޖިލީހުން މާލީ ވުޒާރާގެ ލަފަޔަށް ހުށަހެޅުމުން، އެ އަދަދު 34 މިލިޔަން ރުފިޔާއަށް ހެދުމަށް ލަފާ ދެއްވައިފައެވެ. އޮޑިޓާޖެނެރަލް އޮފީހުގެ ބަޖެޓް 114 މިލިޔަން ރުފިޔާއަށް އަރަނީ އެ ބައި ހިމަނައިގެންނެވެ.