ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާ ނުދައްކާ ފަރާތްތަކުގެ އެކައުންޓު ފްރީޒް ކުރާ އުސޫލު މީރާ އިން ހަރުކަށިކޮށްފިއެވެ.
މީރާ އިން ވަނީ ބޭންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމާއި، ބޭންކު އެކައުންޓް ބެލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަށް އިސްލާހެއް ގެނެސް، މިއަދު އާންމުކޮށްފައެވެ.
މީރާ އިން އިސްލާހު ގެނެސްފައިވަނީ އެ އުސޫލުގެ ތިންވަނަ މާއްދާއަށެވެ. ކުރިން އޮންނަ ގޮތުން މީރާއަށް ޓެކްސް ދައްކަން ޖެހި، އެ ޓެކްސް ނުދައްކައި ހުރި ފަރާތެއްގެ ބޭންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓޭނީ، އެ ފައިސާ ދައްކަން ޖެހުނު ތާރީހުން ފެށިގެން 60 ދުވަސް ފާއިތުވެގެން އެ ފަރާތަކަށް ދޭންޖެހޭ ނޯޓިސްތައް ފޮނުވުމަށްފަހުއެވެ.
ނަމަވެސް އަލަށް ގެނައި އިސްލާހުގައި ވަނީ 60 ދުވަހުގެ ބައި އުނިކޮށްފައެވެ. އެއާއެކު އާ އުސޫލުގެ ދަށުން ނޯޓިސްތައް ފޮނުވުމަށްފަހު ވަކި މުއްދަތަކަށް ބެލުމެއް ނެތި އެކައުންޓު ފްރީޒް ކުރެވޭނެއެވެ.
ނޯޓިސްތައް ފޮނުވުމަށްފަހު އުސޫލުގެ ދަށުން ވަކި ކަންތައްތަކެއް ފުރިހަމަވޭތޯ ބަލަން ޖެހެއެވެ. އެއީ؛
- އެ ފައިސާއަކީ ޖޫރިމަނާ އާއި އިންޓްރެސްޓާ ނުލައި މީރާއިން ކަނޑައަޅާ ތްރެޝްހޯލްޑަކަށްވުރެ މަތީ އަދަދެއް ކަމުގައި ވުން
- އެ ފައިސާއާ ގުޅޭގޮތުން، މީރާގެ އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ އުސޫލުގެ ދަށުން އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވުން
- ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ 100 ޕަސަންޓް ހިއްސާ ނުވަތަ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކުން ލިބެންޖެހޭ ފައިސާއެއް ނުލިބުމާ ގުޅިގެން ނުދެއްކިވާ ފައިސާއެއް ކަމުގައި ނުވުން
- ނުދައްކައިވާ ފައިސާއާ އަޅައިކެނޑޭނެ އެއްވެސް އިތުރު ފައިސާއެއް މީރާގެ ރެކޯޑުގައި ނެތުން (އެ ފަރާތެއްގެ އެއް އެކައުންޓުން އަނެއް އެކައުންޓަށް ޓްރާންސްފާކުރުމަށް އެދިފައި ނުވުން ނުވަތަ ތިންވަނަ ފަރާތަކުން އިތުރަށް ދައްކާފައިވާ ފައިސާއަކުން ޓެކްސް ދައްކާ ފަރާތުން ދައްކަން ޖެހިފައިވާ ޓެކުހާ އަޅައި ކެނޑުމަށް އެދިފައިނުވުން ހިމެނޭގޮތުން)
ޚަބަރު
ޚަބަރު
ޚަބަރު