ބަންގްލަދޭޝްގައި ފެންބޮޑުވުމުގެ ސަބަބުން 1.1 މިލިއަން ޓަނުގެ ހަނޑޫ ހަލާކުވެއްޖެއެވެ.

ބަންގްލަދޭޝްގެ އެގްރިކަލްޗަ މިނިސްޓްރީން ބުނީ އެގައުމަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ ދަނޑުތަކަށް ބޮޑެތި ގެއްލުން ވެފައިވާ ކަމަށާއި އެގޮތުން މިހާތަނަށް ބެލި ބެލުމުން އެގައުމުގެ ހަނޑޫ ދަނޑުތަކަށް ލިބުނު ގެއްލުމުގައި 1.1 މިލިއަން ޓަނުގެ ހަނޑޫ ހަލާކުވެފައިވާ ކަމަށެވެ.

ބަންގްލަދޭޝް އަށް އޮގަސްޓު މަހުން ފެށިގެން މޫސުމީ ވިއްސާރައިގެ ބާރު ގަދަވެ، ބޯކޮށްވާރޭވެހި ކޯރުތައް ފުރިބަންޑުންވެ ފެންބޮޑުވުމުގެ ގިނަ ހާދިސާ ތަނެއް ވަނީ ހިނގައިފައެވެ.

ބަންގްލަދޭޝް އިން 75 މީހުން ވިއްސާރައިގެ އެކި ހާދިސާތަކުގައި މަރުވެފައިވާ އިރު، އެތައް މިލިއަން ބަޔަކު ވަނީ އަސާސީ ހިދުމަތްތަކުން މަހުރޫމުވެފައެވެ.

ވިއްސާރައިގެ ސަބަބުން ބަންގްލަދޭޝްގެ އިރުމައްޗާއި އުތުރުގެ ސަރަހައްދުތަކުގެ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ. މިކަމުގެ ސަބަބުން އެގައުމަށް ބޭރުން 500،000 ޓަނުގެ ހަނޑޫ އެތެރެކުރަށް ޖެހިފައިވާ ކަމަށްވެސް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.

އޮފިޝަލުން ވަނީ މޫސުމުގެ ސަބަބުން ދަނޑުވެރިކަމަށް 380 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް ބުނެފައެވެ.