އަމިއްލަ ކުންފުންޏެއް ކަމަށްވާ އެމްޕްލޮއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް 20.5 މިލިއަން ރުފިޔާ ދެއްކުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ މައްޗަށް ކުރި ހުކުމް ސިވިލް ކޯޓުން ބާތިލެއް ނުކުރިއެވެ.
މި މައްސަލައަކީ މިފްކޯގެ ތެޔޮ ޓޭންކަރެއް ކަމުގައިވާ "އެމްޓީ ބަރީސާ 101" ނީލަމުގައި ވިއްކާލަން 2010ގެ އޮކްޓޯބަރު ހަތަރު ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން އެ އުޅަނދު 800،000 ރުފިޔާއަށް ގަތުމަށް އެމްޕްލޯއިމަންޓް ބިއުރޯ އިން، އެ އަހަރުގެ ނޮވެމްބަރު ދެވަނަ ދުވަހު ހުށަހެޅި ހުށަހެޅުމަށް އެއްބަސްވުމަށްފަހު އެއަށް އަަމަލު ނުކޮށް، އެކަމާ ހިލާފުވުމުގެ ސަބަބުން ހުށަހެޅި މައްސަލައެވެ.
މި ނީލަމުގައި އެމްލޯއިމެންޓް ބިއުރޯއިން ހުށަހެޅި އީޖާބާއި ގަބޫލު ފުރިހަމަވެފައިވީ ނަމަވެސް މިފްކޯއިން އެ އަގުދާ ހިލާފުވެ، އެ އަގުދުގެ ދަށުން ފުރިހަމަ ކުރަންޖެހޭ އިލްތިޒާމްތައް އަދާކޮށްފައި ނުވާތީ، ގެއްލުމުގެ ބަދަލު ހޯދުމަށް މި ދައުވާގައި ވަނީ އެދިފައެވެ.
ދައުވާގައި އެ ފަރާތުން އެދިފައިވަނީ، މި މައްސަލައިގައި އެ ފަރާތުން ކުރި ގާނޫނީ މަސައްކަތަށް ހަރަދުކުރި ފައިސާގެ ތެރެއިން 500،000 ރުފިޔާ އާއި އެ އަގުދާ ހިލާފުވެ އެއްބަސްވުމުގެ ދަށުން ވިއްކުމަށް އަގުދު ކުރި ތެޔޮ ޓޭންކަރު މިފްކޯއިން ވިއްކާފައި ނުވުމުގެ ސަބަބުން، އެ އުޅަނދުން މަންފާ ހާސިލުކުރުމުގެ ހައްގު ގެއްލިފައިވާތީ 2012 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް އެ އުޅަނދުން މަންފާ ހާސިލުކުރުމުގެ ހައްގު އެމްޕްލޯއިމަންޓް ބިއުރޯއަށް ގެއްލިފައިވާތީ، އެ މުއްދަތުގައި އެފަރާތަށް ލިބޭނެ ކަމަށް ލަފާކުރާ ގެއްލުމުގެ ބަދަލުގެ ތެރެއިން ބައެއް ކަމަށްވާ 20 މިލިޔަން ރުފިޔާއާ އެކު ޖުމުލަ 20.5 މިލިޔަން ރުފިޔާ އެކީ އެއްފަހަރާ ދެއްކުމަށް މިފްކޯގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.
މި މައްސަލަ ބެލުމަށްފަހު އެ ފައިސާ އަކީ މިފްކޯއިން ދައްކަންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި، އެ މައްސަލައިގައި ހުކުމްކުރި ދުވަސް ކަމަށްވާ މިދިޔަ އަހަރުގެ ނޮވެމްބަރު އަށްވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ ފައިސާ އެކީ އެއްފަހަރާ އެމްޕްލޯއިމަންޓް ބިއުރޯއަށް ދެއްކުމަށްޓަކައި ސިވިލް ކޯޓަށް ދެއްކުމަށް އަށެއް ނޮވެމްބަރު 2023 ގައި އެ ކޯޓުން އަމުރު ކުރިއެވެ.
ނަމަވެސް މައްސަލަ ރިވިއު ކުރަން އޮތް ފުރުސަތުގައި، ސިވިލް ކޯޓުގެ އެ ހުކުމް ބާތިލުކުރުމަށް ނުވަތަ ބަދަލުކުރުމަށް އެދި މިފްކޯއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އަދި އެ މައްސަލައަށް ގޮތެއް ނިމެންދެން 20.5 މިލިއަން ރުފިޔާ ދެއްކުމަށް ކުރި ހުކުމަށް އަމަލު ކުރުން ފަސްކުރުމުގެ އަމުރަކަށްވެސް މިފްކޯއިން ވަނީ އެދިފައެވެ.
އެހެންކަމުން އެ މައްސަލައަށް ގޮތެއް ނިމެންދެން އެ ފައިސާ އެއްވެސް ފަރާތަކަށް ދޫނުކޮށް ކޯޓުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކުރިއެވެ.
ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ރިވިއު މައްސަލައިގެ ހުކުމްކޮށްފައިވާ އިރު، އެ ހުކުމްގައި ބުނެފައިވަނީ، 20.5 މިލިޔަން ރުފިޔާ ދެއްކުމަށް މިފްކޯގެ މައްޗަށް ކުރި ހުކުމް ބާތިލް ކުރަން ނުވަތަ ބަދަލުކުރަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު